އޭސީސީ

ފެނަކައާ ގުޅޭ މައްސަލަތަކެއްގައި އޭސީސީގެ މެންބަރުން މަޖިލީހަށް

ފެނަކައާ ގުޅޭ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައިވާނަމަ މި ހަފްތާ ތެރޭގައި އޭސީސީގެ މެންބަރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް ވިދާޅުވެއްޖެ އެވެ.

ރިޒާ މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަން ހިންގުމުގެ މައްސަލަތަކާ ގުޅިގެން އެ ކުންފުނިން ދޭން ޖެހޭ ހިދުމަތްތަކަށް ބުރޫ އަރާފައިވާތީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

ރިޒާ ވިދާޅުވީ ފެނަކައިގެ ކުރީގެ އިސްވެރިން ފައިސާއަށް އިހުމާލުފައިވާ ކަމަށާއި އިހުމާލުވެގެން އެ ލިބޭ ގެއްލުމުގެ ބަދަލުވެސް އެކަން ކުރި ބަޔަކު ދޭން ޖެހޭނެ ކަމަށެވެ. ފެނައިގެ މައްސަލަ އޭސީސީއަށް ހުށަަހަޅާފައިވާނަމަ މަޖިލީހަށް އޭސީސީގެ މެންބަރުން ހާޒިރު ކުރައްވާނެ ކަމަށް ތަކުރާރުކޮށް ރިޒާ ވިދާޅުވި އެވެ.

"ވީއެންމެ އަވަހަށް ފެނަކައިގެ ފައިސާ ދައުލަތަށް ލިބޭނެ ގޮތެއް ހައްދަވަންވެސް ޖެހޭނެ،" ރިޒާ ވިދާޅުވި އެވެ.

ފެނަކައިގެ މައްސަލަތަކާ ގުޅޭގޮތުން މަޖިލީހަށް މައްސަލައެއް ހުށަހެޅުއްވީ ޕީއެންސީގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ.

އައިބީ ވިދާޅުވީ ގިނަ ބަޔަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނި ހިންގުމުގައި އެކި ސަރުކާރުތަކުން އިސްކޮށްފައިވާ ފަރާތްތަކުގެ އިހުމާލުން އެ ކުންފުންޏަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އާންމުންނަށް ދޭ ހިދުމަތްތަކަށް ބުރޫއަރައި، ފޫނުބެއްދޭ ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ދައުލަތަށް އަނބުރާ ހޯދަން މިދިޔަ އަހަރު އެންގި 50 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދިވެސް ނުލިބޭތީ އެ ފައިސާ ހޯދުމަށްޓަކައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފައިވާއިރު، އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް 1,389,342ރ. ހޯދުމަށް އަންގާފައިވެ އެވެ.