އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ކޮމިޝަން (އެޗްއާރްސީއެމް) އަށް މިދިޔަ އަހަރު އެންމެ ގިނައިން ހުށަހަޅާފައިވަނީ އިޖުތިމާއީ އަދި އިގްތިސޯދީ ހައްގުތަކާއި ބެހޭ މައްސަލަ ކަމަށް އެ ކޮމިޝަނުން ހާމަކޮށްފި އެވެ.
އެޗްއާރްސީއެމުން މިއަދު ނެރުނު މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިދިޔަ އަހަރު އެ ކޮމިޝަނަށް 592 މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އޭގެ ތެރެއިން 138 މައްސަލައަކީ، ގާނޫނު އަސާސީގެ 23 ވަނަ މާއްދާއިން ލިބިދީފައިވާ އިޖުތިމާއީ އަދި އިގްތިސޯދީ ހައްގުތައް ގެއްލުމުން ހުށަހެޅި މައްސަލަ އެވެ. އިޖްތިމާއީ އަދި އިގްތިސޯދީ މައްސަލަތަކަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ރަށްރަށުގެ ނަރުދަމާއާއި ސާފު ބޯފެނާއި ސިއްހީ ހިދުމަތާއި ގެދޮރުވެރި ކަމާއި ކަރަންޓާއި މިނޫނަސް އެފަދަ ހުރިހާ ހައްގެކެވެ. އެގޮތުން ފޭރާމާއި ހިޔާވަހިކަމުގެ ދާއިރާއިން ގޯތި ދޫކުރުމުގައި ތަފާތުކުރުންތަކެއް ގެންގުޅެފައިވާ ކަމުގެ މައްސަލަތަކެއް ވަނީ ގިނަ އަދަދަކަށް ހުށަހަޅާފަ އެވެ.
އެޗްއާރްސީއެމަށް މިދިޔަ އަހަރު ދެވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ އަންހެނުންނާއި ކުޑަކުދިންނާއި ނުކުޅެދޭ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބިދޭ ހައްގުތަކާއި ބެހޭ މައްސަލަ ތަކެވެ. އެ ދާއިރާއިން 80 މައްސަލަ ހުށަހަޅާފައިވާއިރު، އޭގެ ތެރޭގައި ކުޑަކުދިންނަށް އެކި ގޮތްގޮތުން ކޮށްފައިވާ އަނިޔާތަކާއި ގުޅޭ 60 މައްސަލަ އާއި، ނުކުޅެދޭ މީހުންނާއި ދުވަސްވީ މީހުންނަށް އާއިލާއާއި މުޖުތަމައުން ލިބޭ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ 20 މައްސަލަ ހިމެނެ އެވެ.
އަންހެނުންނާއި ކުޑަކުދިންނާއި ގުޅިގެން ހުށަހަޅާފައިވާ ގިނަ މައްސަލަތަކަކީ ގެވެށި އަނިޔާގެ މައްސަލަތަކާއި، އާއިލާ ރޫޅުމާ ގުޅިގެން ދަރިންނަށް ހަރަދު ނުލިބުމާއި، މަންމަ ނުވަތަ ބައްޕަޔަށް ދަރިންނާ ގުޅުން ނުބޭއްވޭ ކަމުގެ މައްސަލަތަކެވެ.
އަދުލުވެރިކަމާއެކު އިދާރީ ފިޔަވަޅު އެޅުމާ ބެހޭ 65 މައްސަލައެއް ވެސް މިދިޔަ އަހަރު އެޗްއާރްސީއެމަށް ވަނީ ހުށަހަޅާފަ އެވެ. އަދި ލާއިންސާނީ އަދަބު ނުދިނުމާ ބެހޭ 78 މައްސަލައެއް ވެސް އެ ކޮމިޝަނަށް މިދިޔަ އަހަރު ރިޕޯޓުކޮށްފައިވެ އެވެ.
އެ މައްސަލަތަކުގެ ތެރެއިން 546 މައްސަލައަކީ އެކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކަށް ވާއިރު އެ މައްސަލަތަކުގެ ސަބަބުން 600 އަށްވުރެ ގިނަ ބައެއްގެ ހައްގު ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިޖްތިމާއީ ގިނަ މައްސަލަތަކެއް އެޗްއާރްސީއެމް އަށް މިދިޔަ އަހަރު ހުށަހެޅިފައިވާއިރު، މިދިޔަ އަހަރު ފާހަގަކޮށްލެވެނީ ރައްކާތެރިކަމާއި ދިރިހުރުމުގެ ހައްގުން ބަޔަކު މަހުރޫމްވި ހާދިސާ ވެސް ހިނގާފައިވާ އަހަރަކަށެވެ. އޭގެ ތެރޭގައި ވ. ރަކީދޫގައި މަންމަޔަކު މަރާލި މުހައްމަދު އިބްތިހާލްގެ މަރާއި، ގދ. ތިނަދޫއިން ފިރިމީހާ ދިން އަނިޔާތަކުގައި މަރުވެ ދިޔަ ކަމަށް ބެލެވޭ ޒިޔާދާ ނައީމްގެ މަރުގެ ހާދިސާ ވެސް ހިމެނެ އެވެ.