ހަބަރު

ނަޝީދު މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމާ ގުޅޭ ގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ނިންމާލައިފި އެވެ.

ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ އިންސާފިވެރިކޮށް ކަށަވަރުކޮށްދިނުމަށް އެދި ދައުލަތުން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބަލަން ނިމުމުން، އެ ނިންމުން ސްޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ސްޕްރީމް ކޯޓުން ވަނީ އެ މައްސަލަ ބަލަން ނިންމާފަ އެވެ. މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން 15 ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ.

ނަޝީދުގެ ފަރާތުން ފާހަގަކުރި ބައެއް ކަންތައްތައް:

  • ނަޝީދުގެ މައްސަލަ ކުއްލިއަކަށް ބަދަލުކޮށް ޓެރަރިޒަމްގެ ދައުވާ އުފުލާފަިއވަނީ އޭރުގެ ޕީޖީ މުހުތާޒަށް ނުފޫޒު ފޯރުވައިގެން ކަމަށް
  • ދައުވާކުރީ ގާނޫނާ ހިލާފަށް ކަމަށް
  • ނަޝީދުގައި ބަންދުގައި ބެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް
  • ޖަވާބުދާރީވުމަށް އެކަށީގެންވާ ވަގުތު ލިބިފައިނުވާކަން
  • ފަނޑިޔާރުންގެ ބެންޗުގައި މަސްލަހަތު ފުށުއަރާ ފަނޑިޔާރުން ތިއްބެވިކަން
  • އޭރުގެ ޕީޖީ މުހުތާޒުގެ ވެސް މަސްލަހަތު ނަޝީދުގެ މައްސަލާގައި އޮތްކަން

ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ، ޕީޖީ މުހުތާޒަށް ނުފޫޒު ފޯރުވައިގެންކަން ކަށަވަރު ކޮށްދިނުމަށް މުހުތާޒު ކޯޓަށް ހާޒިރުކޮށްދެއްވުމަށް ނަޝީދުގެ ވަކީލުން ވަނީ އެދިލައްވާފަ އެވެ. މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ނަޝީދުގެ ފަރާތުން އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވިޔަސް ނަޝީދާ މެދު ޓެރަރިޒަމްގެ ތަހުގީގެއް ކޮށްފައި ނުވާކަން ސާބިތުކޮށް ދިނުމަށް
ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރު ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފަިވެއ އެވެ.

މިކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވިދާޅުވީ، ބަލަމުންދާ މައްސަލައިގެ ގޮތުން މީހުން ހާޒިރުކޮށްގެން ސުވާލުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ސުވާލުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށާއި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން ނުބާއްވާނެ ކަމަށެވެ.

މީގެ ކުރިން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވެސް ވަނީ ބައެއް ކަންކަން ފާހަގަކޮށްފަ އެވެ.

ދައުލަތުގެ ފަރާތުން ހުށަހެޅި ހަތަރު ނުކުތާތައް:

  • ރައީސް ނަޝީދުގެ މައްސަލަ ކުރިއަށް ދިޔަ ޖަވާބުދާރީވެ، މައްސަލައަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަން ކަށަވަރުކޮށްދިނުން
  • ރައީސް ނަޝީދު އެދިލައްވާ ވަކީލުންނާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވޭތޯ ކަށަވަރުކޮށްދިނުން
  • ރައީސް ނަޝީދުގެ މައްސަލަ ބެލި ކޯޓާއި ފަނޑިޔާރުންގެ މުސްތަގިއްލުކަން ކަށަވަރުކޮށްދިނުން
  • ދައުވާ ހުށަހަޅާ ފަރާތުން ހުށަހަޅާ ހެއްކާއި ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި ހެކިންނާ ސުވާލުކުރުމުގެ ފުރުސަތު ލިބިފައިވޭތޯ ކަށަވަރުކޮށްދިނުން

މި މައްސަލާގައި ދައުލަތުން އެދިފައިވަނީ، ކްރިމިނަލް ކޯޓުގައި ރައީސް ނަޝީދުގެ ޝަރީއަތް ކުރިއަށް ދިޔައީ ގާނޫނާ އެއްގޮތަށްތޯ ބަލައި ދިނުމަށާއި އަލުން ދަށު ކޯޓުގައި ޝަރީއަތް ހިންގަން ޖެހިއްޖެނަމަ ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅައިދިނުމަށެވެ. ނަޝީދުގެ ފަރާތުން އެދިފައިވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ބާތިލު ހުކުމުގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.