ވިޔަފާރި

ހުޅުމާލެ ފެރީގެ ހިދުމަތަށް އެމްޓީސީސީން އިތުރު ދެ ފެރީ ހޯދަނީ

Jan 28, 2015

އެމްޓީސީސީން ހުޅުމާލެ އާއި މާލެއާ ދެމެދު ދެމުން ގެންދާ ފެރީގެ ހިދުމަތް ރަނގަޅު ކުރުމަށް އިތުރު ދެ ފެރީ ހޯދުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

ހުޅުމާލޭ އާއި މާލެ އާ ދެމެދުގެ ފެރީ ހިދުމަތާއި ހުޅުލެ އައި ހުޅުމާލެ އާ ދެމެދު ބަހުގެ ހިދުމަތް އުފެއްދި ޓްރާންސްޕޯޓް ފޯ މޯލްޑިވްސް، ކުންފުނި އުފެއްދުމަށް އެމްޓީސީސީ މައި އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ރައްޒާގު ހަލީމް ވިދާޅުވީ ހުޅުމާލެ ފެރީގެ ހިދުމަތް ރަނގަޅު ކުރުމަށް ގެންނަ އާ ފެރީތައް މާޗު މަހު ބޭނުން ކުރަން ފެށޭނެ ކަމަށެވެ. އަދި އެ ކުންފުނިން މަސައްކަތް ކުރަނީ އަމިއްލަ ފެރީތަކެއް ހޯދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ގިނަ ފެރީތަކަކީ ކުއްޔަށް ގެންގުޅޭ ފެރީތައް. މިހާރު އަޅުގަނޑުމެން ބޭނުންވާ ގޮތެއް ނޫން ކުއްޔަށް ފެރީ ގެންގުޅުމަކީ. މިހާރު ބޭނުންވަނީ އަމިއްލަ ފެރީތަކެއް ހޯދުމަށް،" ހަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އުފެއްދި ކުންފުނީގެ ސަބަބުން މި ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ހިތްގައިމު ފެރީތަކާއި ބަސްތަކާއެކު ޓާމިނަލްތައް ގާއިމްކޮށް ދަތުރުފަތުރުގެ ރޮނގުން ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުން،" ހަލީމް ވިދާޅުވި އެވެ.