ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިސް ބޭފުޅަކަށް ވުމަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު ހަތް ދުވަސް ޖަހައިފި އެވެ.
ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ޝަމްނާޒް އާއި އޭނާގެ ކޮއްކޮ މިމަހުގެ 23 ވަނަ ދުވަހު މި ދެ މީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހި ހަތް ދުވަހުގެ މުއްދަތު އިއްޔެގެ ނިޔަލަށް ހަމަވާނެ އެވެ.
ފުލުހުން މިއަދު ބުނީ ޝަމްނާޒްއާއި އޭނާގެ ކޮއްކޮގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިތުރު ހަތް ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ދީފައިވާ ކަމަށެވެ.
ޝަމްނާޒާއި އޭނާގެ ކުރީގެ ފިރިކަލުން އަދި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒަކީ މާލޭގެ މޭޔަރެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވިއިރު ރައީސް މުއިއްޒުގެ އެންމެ އަރިސް ދެ ބޭފުޅުންނެވެ. ނަމަވެސް ރަމީޒުވެސް ޝަމްނާޒްވެސް މިހާރު ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ.