ކްރިމިނަލް ކޯޓް

ޕޮލިސް ސްޓޭޝަނެއްގެ ދޮރު ފަޅާލައިގެން ކުރި ޖޫރިމަނާ ނުދެއްކުމުން ޖަލަށް

ޕޮލިސް ސްޓޭޝަނަކަށް ހާޒިރުކޮށްފައި އިންދައި އެތަނުގެ ދޮރު ފަޅާލައިގެން ކުރި ޖޫރިމަނާ ދައްކަން ކުރި ހުކުމެއް ނުދެއްކުމުން އެ މީހާ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ޕޮލިހަށް ހާޒިރުކޮށްފައި އިންދައި، އެތަނުގެ ދޮރެއް ފަޅާލި މައްސަލައިގައި ހުކުމެއް އިއްވާފައިވާ މީހަކީ މީހަކީ ސ. ހިތަދޫ، ތަބިވައްގެ، މުހައްމަދު ގިޔާސް އެވެ. އޭނާ އަލުން ޖަލަށްލާން ހުކުމް ކުރިއިރުވެސް ހުރީ ބަންދެއްގައެވެ.

ވައްކަމުގެ މައްސަލައެއްގައި މިދިޔަ ހަފްތާގައި ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތެއް ގުނަމުންދާ ގިޔާސް ޖަލަށްލާން ހުކުމްކުރީ، ޕޮލިސް ސްޓޭޝަނެއްގެ ދޮރު ފަޅާލައިގެން ކުރި 7،600 ރުފިޔާގެ ޖޫރިމަނާ ފައިސާ ނުދައްކައިގެންނެވެ.

ރިކޯޑްތަކުން އެނގޭ ގޮތުގައި ގިޔާސްގެ މައްޗަށް މީގެ ކުރިންވެސް ޖިނާއީ މައްސަލަތަކުގައި ތުހުމަތު ކުރެވިފައިވެ އެވެ. ޕޮލިސް ސްޓޭޝަނަކަށް ގެއްލުން ދިން މައްސަލައިގެ އިތުރުން މަގުބޫލު ސަބަބެއް ނެތި އާއްމު ތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ކުށުގެ މައްސަލައަކާއި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ބިރުދެއްކުމުގެ ކުށުގެ މައްސަލައަކާ އަދި ފޭރުމުގެ މައްސަލައެއްވެސް މީގެތެރޭގައި ހިމެނެ އެވެ.

ރިކޯޑްތަކުން އެނގޭ ގޮތުގައި އެކިއެކި މައްސަލަތަކުގައި 50 އަށް ވުރެ ގިނަ ފަހަރު ގިޔާސް ހިފަހައްޓާފައިވެ އެވެ.