ވާހަކަ

މިލްކުވާނެބާ

(27 ޖޫން 2024 އާ ގުޅޭ)

ބޯމައްޗަށް ކުޑަ ފަތުރާލައިގެން ޗަކަހެދިފައިވާ މަގަށް ނިކަން ވިސްނައިގެން މާޔާ ފިޔަވަޅު އަޅަމުން އައިސް ޒާހިލްގެ ކައިރީ މަޑުކޮށްލި އެވެ. މާޔާއަށް ހީވީ ރަނގަޅަށެވެ. ކާރުން ފޭބި އަންހެންކުއްޖާއާއި ޒާހިލާ ދެމެދު ޒުވާބު ހޫނުވަމުން ދިޔަ އެވެ. ހައިރާންކަމެއް މާޔާއަށް ލިބުނީ އެ އަންހެންކުއްޖަކީ ކާކުކަން އެނގުނު ހިސާބުންނެވެ.

"މި ރަށުގައި ހަތޫން ކީއްކުރަނީ؟." ހިތާހިތުން އަމިއްލަ ނަފްސަށް މާޔާއަށް ބުނެލެވުނެވެ. ދެން ބަލާލެވުނީ ފެންނަ ހިސާބެއްގައި ލުހާމް ހުރިތޯ އެވެ.

"ކުއްލިއަކަށް ކާރު ހުއްޓާއިރު ނޭނގޭތަ އެއީ ކިހާ ނުރައްކާތެރި ކަމެއްކަން." ޒާހިލް ބުންޏެވެ.

"ކަލެއަށް ދުއްވަން ނޭނގޭކަމެއްނު އެއީ." ހަތޫން ބުނެލީ ކުޑަކޮށް ވެސް ވިސްނާނުލަ އެވެ.

ޒާހިލްއާއި ހަތޫންގެ ޒުވާބުގެ ތެރެއަށް ނުވަންނާނަމޭ ހިތާ ހުއްޓަސް މާޔާއަކަށް ނުހުރެވުނެވެ. ޒާހިލް ހުއްޓުވުމުގެ ގަސްދު ވެސް މާޔާގެ ހިތުގައި އޮތެވެ. އަނެއްކޮޅުން ހަތޫންއަކީ މީހަކަށް ދޫދޭ ކަހަލަ އަންހެނެއް ނޫންކަން މާޔާއަށް އެނގެ އެވެ. އޭނާގެ އަނގައިން އަރައިގަތުން ފަސޭހައެއް ނުވާނެ އެވެ. ޒުވާބު ހައްތަހާ ހޫނު ނުވަނީސް އެކަން ހުއްޓުވަން ކޮންމެވެސް މީހަކު ޖެހެ އެވެ. ޔަޤީނުން އެނގެނީ އިޒީކިއަލް ނާންނާނޭ ކަމެވެ. އެއީ އޭނާގެ ޠާބީޢަތެއް ނޫނެވެ.

"ޗަކަގަނޑު ތެރެއަށް ވައްޓާލީމަ ހުންނާނީ މޮޅު މީހާއަށް ދުއްވަން އެނގިފަ." ޒާހިލް ބުންޏެވެ.

"އަޅެ ވައްޓާލަބަލަ. މަވެސް ބަލާނަން ތި ކާރު އެންމެ ތަންފުކެއް ވެސް ކުރިޔަށް ޖެއްސޭތޯ. ނިކަން ވައްޓާލަބަލަ." ހަތޫން ގަދަބަސް ޖަހާލި އެވެ.

"ހެދިފައި މިއޮތް ޗަކަފެންގަނޑަށް ވެއްޓިގެން އިތުރަށް ހަޑިއެއް ނުވާނެ. ތި ކޮށްފައި ހުންނަ މޭކަޕާ މާބޮޑު ތަފާތެއްނެތް." ޒާހިލްގެ ކައިރީ ހުއްޓި ހުރެ މާޔާ ބުނެލި އެވެ.

"މިޔާ... ކަލޭތަ... މީ ދޯ މިވީ ގޮތަކީ. މީނަގެ ސުންޕާކަން މި ފޯރީ. މިތަނަށް ތިއައީ ލުހާމް ލިބޭނެ ކަމައްތަ؟. ލުހާމް އަހަރެންނާ އިނދެގެން އުޅޭކަން އެނގުނީ ދޯ. އެހެންވެ އަހަރެމެން ދެމެދަށް ވަންނާނަމޭ ހިތާތަ ތިއައީ؟. ކިތައް ފަހަރު ބުނާނީ ލުހާމް ލޯބިވަނީ އަހަރެންދެކެއޭ. އޭނާ ކަލެއާ ދެން ދުވަހަކު ވެސް ނުގުޅޭނޭ. އޭނާގެ ވިސްނުން ބަދަލުވާނެ ކަމަށް ވާހަކަ ދެއްކުމަކީ ވެސް ބޭކާރުކަމެއް. މީހާ ކިތަންމެ ރީއްޗަސް، އަގުބޮޑު އެއްޗެހި ބޭނުން ކުރިޔަސް، ތިކަހަލަ ބަދުނަސީބު އަންހެނުންގެ އަގެއް ނާރާނެ. މީހަކު ދެ އަނތްބަށް އިންނަން ބެލިޔަސް ތީ ދެ އަނތްބަށް ވެސް އިންނަން ކަމުދާވަރުގެ އަންހެނެއްނޫން." ހަތޫންގެ އަޑުގައިވީ މަލާމާތެވެ.

"ވޯއޮ!... ކިހިނެއް މިވަނީ. އަހަރެން އެނގެން ބޭނުން." ޒާހިލްއަށް އިވުނު ވާހަކަތަކުން އޭނާ ހުރީ އެ އަންހެންކުއްޖާއާއި މާޔާއާ ދެމެދު އުފެދިގެން އުޅޭ ރުޅިވެރިކަމުގެ ހަޤީޤަތް ހޯދަން ޝައުގުވެރިވެފަ އެވެ. އިވުނީ ކުރީން އެނގިފައިނުވާ ވާހަކަތެއްވީމަ އެވެ. ޚާއްޞަކޮށް މާޔާގެ ޒާތީ ދިރިއުޅުމާ ގުޅިފައިވާ ވާހަކަތަކެއްވީމަ އެވެ. އެކަމާހުރެ ކުރީން ހަތޫންދެކެ އައިސްފައި ހުރި ރުޅި ވެސް ޒާހިލްގެ ފިލައިފި އެވެ.

"ލުހާމާ ކައިވެނި ކުރެވުނީމާ ވެސް ހަތޫންގެ ތި އިންސެކުއަރ ކަމެއް ނުފިލި ދޯ. އާން! އެހެންވީމަތާ އަހަރެން ފެންނައިރަށް ތިހާ ބިރެއް ތިގަންނަނީ. ލުހާމް އަހަރެންނާ ވާހަކަދައްކަ ފާނެތީ. އަހަރެން ކައިރިޔަށް އަތުވެދާނެތީ. އަލުން އަހަރެމެން ދެ މީހުން ގުޅިދާނެތީ... ކުނިވަށިން މީހުން ބޭނުންނެތިގެން އުކާލާ ކުނި ނަގައިގެން އެއަށް ލޯބި ކިޔައިގެން އުޅުނަސް ހަޤީޤަތް ބަދަލެއްނުވާނެ. ޔޫ ބޯތް އާ ޓްރޭޝް." މާޔާ ބުންޏެވެ. މި ނޫނީ އެފަދަ މޭރުމަކުން އޭނާ ހަތޫނާ ވާހަކަދައްކާފައެއް ނުވެ އެވެ.

ކާރުގެ ޑްރައިވަރު ސީޓުން ލުހާމް ފޭބި އެވެ. ކާރަށް ދިމާވި މައްސަލަ ހައްލުވެއްޖެ ކަމުގައި ބުނެ ހަތޫނަށް އޭނާ ގޮވާލި އެވެ. މާޔާގެ ސޫރަ އޭނާއަށް ފެނުނީ އެހިނދު އެވެ. ހަރުކޮށް ހިނގާފައި އޭނާ އައިސް މާޔާއާ ކުރިމަތިލީ ހަތޫނާ ދިމާއަށް މާޔާ ކީ އެއްޗެހި ކޮންމެވެސް ވަރަކަށް އަޑު އިވިގެންނެވެ.

"މިތަނަށް ވެސް އައީތަ؟. ޔޫ ހޭވް ނޯ ރައިޓް ހަތޫއާ ދިމާއަށް ތިހެން ވާހަކަދައްކާކަށް. ހަމަ މިހާރު މަޢާފަށް އެދޭ." ލުހާމް އަމުރު ކުރި އެވެ. މި ހުރިހާ ކަމެއް ބަލަން ޒާހިލް ހުރީ ފާޑެއްގެ ހިންޏެއް އައިސްފަ އެވެ.

"މަޢާފޭ. އަދި ތީ ކާކުތަ އަހަރެންނަށް އަމުރުކުރަން." މާޔާ ރުޅިގަދަވި އެވެ. ލުހާމްގެ ސޫރަ ފެނިފައި ވެސް އޭނާ އިތުރަށް ފޫހި ކުރުވައިފި އެވެ.

"އަދިވެސް މީހާ ހަމަބިމަށް ފައިބާކަށް ނުވޭތަ؟. މިހާރު ތީކީ މުއްސަނދި ބައްޕައެއްގެ ހިޔަލުގައި އުޅުނު ޕްރިންސެސްއެއް ނޫނޭ. ޔޫ ހޭވް ނަތިންގް. އަމިއްލަ މާ ރީތިމީހެކޭ ހީކުރިޔަސް ތީ ހީކުރާހާ ރީތި މީހެއް ނޫން." ލުހާމް ބޭނުންވީ ހަތޫން ދެރަކޮށްލީތީ އޭގެ ބަދަލު ހިފާލާށެވެ. މާޔާ ނިކަމެތިވާނޭހެން ވާހަކަދެއްކީ ގަސްދުގަ އެވެ. ނުވީތާކަށް މާޔާ ހިފަހައްޓައިގެން ހުރި ކުޑައިގައި ލުހާމް އަތުން ޖެހިޖެހީނުން ދުރަށް ވިއްސާލި އެވެ. އެ ޢަމަލުން ޒާހިލަށް ވެސް ސިހުމެއް ލިބިގެން ދިޔަ އެވެ. ނަމަވެސް އޭނާ ކުރިޔަށް ފިޔަވަޅެއް އަޅާލަންވާއިރަށް ކާރުން އިޒީކިއަލް ފޭބި މަންޒަރު ފެނިއްޖެ އެވެ. އިތުރަށް ޒާހިލްގެ ތުންފަތަށް ވެރިވި ހިނިތުންވުން ފުންވެލައިފި އެވެ. ކަންތައްވާނީ ކިހިނެއްކަން ޒާހިލަށް ލަފާކޮށްލަން އެނގުނީ އެވެ. ދެން އިވުނީ މާޔާއަށް އިޒީކިއަލް ގޮވާލި ތަނެވެ. ކާރަށް އެރުމަށް އިޒީކިއަލް ބުނީ އެވެ. އެއްޗެކޭ ބުނުމަށްވުރެ ނުބުނިއްޔާކަން ރަނގަޅުވާނީ މާޔާއަށް ވިސްނޭތީ ލުހާމަށް ރައްދެއް ނުދިނީ އެވެ. އަދި އޭނާ އެމީހުންނަށް ފުރަގަސްދީ ހިނގައިގަތީ ކާރަށް އަރަން ދާށެވެ.

މާޔާ ކީ އެއްޗިއްސާމެދު ރުޅިގަދަވެފައި ހުރި ހަތޫނަށް ހީވީ ހިތަށް އައިހާ އެއްޗެއް ގޮވާލާފައި މާޔާ ދާން އުޅުނީ ހެންނެވެ. އޭނާ ހުރީ ގަދަޔަށް ޒުވާބުކޮށް މާޔާ ދެރަކޮށްލަން ނުހަނު ބޭނުންވެފަ އެވެ. ލުހާމް ވެސް އެހާ ފާޅުކަން ބޮޑު ގޮތެއްގައި އޭނާއާ އެއްކޮޅަށް އެރީތީ އިތުރު ހިތްވަރެއް ވެސް ލިބުނީ އެވެ.

މާޔާއަށް ފެނުނީ ދުރުދުރުގައި ފައި އަޅާލާފައި ނިކަން ހަލުވިކޮށް އޭނާއާ ދިމާއަށް އިޒީކިއަލް އައިތަނެވެ. ގާތް ވެލަމުން މާޔާގެ އަތުގައި ހިފައި އިޒީކިއަލްގެ ކައިރިޔަށް ދަމާލި އެވެ. އެހިނދު މާޔާގެ ފަހަތުން ފެންގަނޑުތެރެއަށް އެއްޗެއް ވެއްޓުނު އަޑާއި ޗަކަތައް ބުރައިގެން ހިނގައްޖެ އެވެ. ފަސްއެނބުރި މާޔާ ބަލާލި އިރު ފެންގަނޑު ތެރޭ އޮތީ ހަތޫނެވެ.

"އަތް ފޯރުވާން އުޅޭނީ ތިމާއަށް އަތްފޯރުވޭވަރު އެއްޗިއްސަށް. ޝީ ބިލޯންގްސް ޓު މީ. ދެވަނަ ފަހަރަށް ކަމެއް ކުރުމުގެ ކުރާން ވިސްނުމުގެ ކުރީން އަމިއްލަ މީހާގެ ސަލާމަތައް ވިސްނާނެކަމަށް ހީކުރަން." އިޒީކިއަލްގެ ރުޅިވެރި ދެ ލޯ އަމާޒުވެފައި ހުރީ ޗަކަގަނޑު ތެރެއިން ތެދުވާން ނޭނގިފައި އިން ހަތޫނަށެވެ.

އިޒީކިއަލްގެ ބަލާލުމުގައިވީ ނުރައްކާތެރި އިންޒާރު ހަތޫނަށް އިޙްސާސް ކުރެވުނެވެ. ލުހާމް އަވަސް އަވަހަށް އައިސް ލޯބިވެރިޔާ ކޮޅަށް ނަގައިފި އެވެ. ލިބުނު ލަދުވެކިން ހަތޫންގެ ހިތުގައިވީ ރުޅިވެރިކަމާއި ހަސަދައަށް ދަރުއެޅި ފަދަ އެވެ. ފަސޭހައިން ނުނިވޭނޭ އަލިފާންގަނޑެއް އޭނާގެ ހިތުގައި ރޯވެ އަނދަންފެށި އެވެ.

"މިކަމުގެ ބަދަލު ހިފާނަން." މަޑުމަޑުން ހަތޫން ބުނެލި އެވެ. އަދި އިޒީކިއަލްއާއެކީ މާޔާ ގޮސް ކާރަށް އަރަންދެން ބަލަން ހުއްޓެވެ. އެމީހުންގެ ފަހަތުން ޒާހިލް ވެސް ގޮސް ކާރަށް އެރީ އެވެ.

"ކާރު އޯކެވެއްޖެ. ލެޓްސް ގޯ." ހަތޫން ގާތްކޮށްލަމުން ލުހާމް ބުންޏެވެ. އަދި އެމީހުން ކާރަށް އަރައި ދުއްވާލުމާއެކު އެމީހުންގެ ފަހަތުން މާޔާމެންގެ ކާރު ވެސް ނައްޓާލައިފި އެވެ.

އިރުއިރުކޮޅާ މާޔާއަށް ބަލާލެވެނީ އިޒީކިއަލްއަށެވެ. ހަތޫންއާ ދިމާއަށް އިޒީކިއަލް ބުނެލި ބަސްތައް ވަނީ އޭނާގެ ކަންފަތުގައި ހަރުލާފަ އެވެ. އޭނާއަކީ އިޒީކިއަލްގެ ހައްޤެއް ހެއްޔެވެ. އިޒީކިއަލް ދެކެނީ އެފަދައިނން ހެއްޔެވެ. އެހެންވީރު އިޒީކިއަލްގެ ޢަމަލުތައް ދިމާ އިދިކޮޅަށް ހުންނަނީ ކީއްވެބާ އެވެ. މާޔާގެ އިޙްސާސްތަކަށް އޭނާ އެއްވެސް ވަރަކަށް އިޙްތިރާމް ކުރެޔޭ ބުނެވޭކަށް ނެތެވެ. އެހެންވިޔަސް ހަތޫނާ އިޒީކިއަލް ކުރިމަތިލީ ގޮތުން މާޔާގެ ހިތަށް ބަޔާންކުރާން ނޭނގޭ ފިނިކަމެއް ވެރިވެއްޖެ އެވެ. ކުޑަކުޑަ އުފަލެއް އެ ހިތަށް ލިބުނު ފަދަ އެވެ. އެ ހިތުގައި ޖަހާ ވިންދުގައި އިޒީކިއަލްގެ މައްޗަށް ލޯބިވާކަން މާޔާއަށް ޔަޤީންވެ އެވެ. އޭނާ އިންތިހާއަށް މަސައްކަތް ކުރަނީ އެ ޖަޒުބާތުތައް ފޮރުވުމަށެވެ. އެއީ ފައިދާކުރާނޭ ކަމެއްނޫންކަން މާޔާއަށް ވިސްނޭތީ އެވެ. ކިތަންމެ ލޯބިވިޔަސް އެ ލޯތްބަށް ފުރުޞަތެއް އޮތްކަމުގެ އުންމީދު އޭނާއަށް ނެތީ އެވެ.

"ސްޓޯރީއަކީ ކޮބާ؟." ނީނދެވިގެން ޒާހިލް އަހާލި އެވެ. އޭރު އިޒީކިއަލް ވެސް ނަޒަރު ވެސް މާޔާއަށް ދަތުރުކޮށްލައިފި އެވެ.

"އިޓްސް ނޮން އޮފް ޔޯ ބިޒްނަސް." މާޔާ ނިކަން އަވަހަށް ބުނެލި އެވެ. އެ ޖަވާބުން އިޒީކިއަލް ހިތްހަމަނުޖެހުނުކަން އޭނާ ދަތްކުނޑިވިކާލި ގޮތުން ދޭހަވެ އެވެ. އޭނާ ވެސް އެނގެން ބޭނުންވެފައި އިން ކަހަލަ އެވެ.

"އޯކޭ... އޯކޭ... އެކަމަކު ދެން ގެސްޓްހައުސްއަށް ގޮސްފައި މީޓިންއަކަށް ނުދެވޭނެ. ފައިވް މިނެޓްސްއަށް ވީ." ޒާހިލް ފޯނަށް ބަލަން އިނދެ ބުންޏެވެ.

"އެހެންވީމަ ސީދާ އެކޮޅަށް ދާނީ." އިޒީކިއަލް ބުންޏެވެ.

ރޭގަނޑު ނުވައެއް ޖަހާއިރަށް ސައިޓު އޮފީހުގައި އޮތް ބައްދަލުވުމަށް މާޔާއާއި އޭނާގެ ޓީމަށް ވެސް އާދެވުނީ ދެތިން މިނެޓު ފަހުންނެވެ. ޕްރޮޖެކްޓް ކުރިޔަށް ގެންދަނީ އަމިއްލަ ފަރާތެއްގެ ބިމެއްގައި ކަމަށްވާތީ އެ ބައްދަލުވުމަށް އޭނާގެ ދަރިއަކު ހާޟިރުވާނޭކަން އޮތީ ކުރީން އަންގާފަ އެވެ. އެހެންނަމަވެސް ފަނަރަ މިނެޓް ފާއިތުވެގެން ދިޔައިރު ވެސް ބިންވެރިޔާގެ ފަރާތުން އަންނަން ހަމަޖެހިފައިވާ ފަރާތުގެ ޚަބަރެއް ނުވުމުން ބައްދަލުވުން ފެށީ އެވެ.

ދުވަމުން ކަހަލަ ގޮތަކަށް ލުހާމާއި ހަތޫން އައިސް ސައިޓު އޮފީހަށް ވަނެވެ. ބިއްލޫރި ބިތްތަކުގެ ތެރެއިން ހަތޫނަށް ފެނުނީ ބައްދަލުވުން ފެށިގެން ކުރިޔަށްދާތަނެވެ. އޭނާ ނިކަން ހާސްވި އެވެ.

"އަހަރެމެން ނާންނަނީސް މީޓިން ފެށީތަ؟. އެހެންފެށޭތަ އެންމެން ހަމަނުވަނީސް." ކައިރީގައި ހުރި ލުހާމް ކައިރީ ހަތޫން ބުނެލި އެވެ. އެމީހުން ބައްދަލުވުން އޮތް ބަޔަށް ވަންނަން އައުމުން އެތަނުގައި ހުރި ގާޑު މީހާ އެމީހުން ހިފަހައްޓައިފި އެވެ.

"ބައްދަލުވުން ކުރިޔަށްދާ ގަޑީގައި އެއްވެސް ބަޔަކު ނުވެއްދުމަށްވަނީ އަންގާފައި." އެ ގާޑު މީހާ ބުންޏެވެ.

"އެކަމަކު އަހަރެމެން ވެސް މިއައީ އެ ބައްދަލުވުމަށޭ." އަޑަށް ބާރުލާފައި ހަތޫން ބުންޏެވެ.

ބައްދަލުވުން ކުރިޔަށްދިޔަ ތަނުގެ ބޭރުގައި ބަޔަކު ހަރަކާތްތެރިވާތީ މާޔާ އެ ދިމާއަށް ބަލާލި އެވެ. އެތަނުން ހަތޫނާއި ލުހާމް ފެނުމުން އިހުނަށްވުރެ ބޮޑަށް އޭނާ ހައިރާންވެ ސުވާލު އުފެދުނެވެ. ބޭރުގައި ހުރި ހަތޫންއާ މާޔާގެ ނަޒަރު ސީދާވެލި ހިނދު އޭނާ އިނގިލި ދިއްކޮށް ކޮންމެވެސް އެއްޗެހިތަކެއް ކިޔައިގަތެވެ. ނަމަވެސް ބައްދަލުވުން ކުރިޔަށް ދިޔައީ ބޭރުގެ އަޑުތައް ނީވޭނޭހެން ހަދާފައިވާ ކޮޓަރިއެއްގެ ތެރޭގައި ކަމަށްވާތީ ހަތޫންގެ އަޑުގެ ބާރުމިން އަންދާޒާ ކުރެވޭވަރު ވެސް ނުވެ އެވެ. އޭނާގެ މޫނުމަތި ރުޅިވެރިކަމުން ފުފިވައިވި އެވެ.

"މީ އޭނާގެ ކަންތައް." ހަތޫންގެ އަތުގައި ހިފައި އެއްފަރާތަށް ލުހާމް ގެންދިއުމުން ބުނެލި އެވެ. ހަތޫންގެ ރުޅި މަޑުވޭތޯ އެއްފަރާތުގައި ހުރި ބެންޗުގައި ލުހާމް އޭނާ ބޭންދި އެވެ.

"އަހަރެން ލަސްވީ އޭނާއާ ހެދިއެއްނޫންތަ. ފެންގަނޑު ތެރެއަށް އަހަރެން ވައްޓާލީ ގަސްދުގައި. މިތަނަށް އަޔަ ނުދޭންވެގެން. މީހަމަ އެ ސުންޕާ އެތިގަނޑުގެ ރޭވުމެއް." ދަތްކުނޑިވިކައިގެން އިނދެ ހަތޫން ވާހަކަދެއްކި އެވެ.

"ބޭބީ ޕްލީޒް. ހަމަޖެހިބަލަ. މިޔާއަށް ހަމަޖެހިގެން ގިނަ ދުވަހަކު ނޫޅެވޭނެ. އޭނާ މިހާރު އެ ގެންގުޅޭ ބޯއިފްރެންޑް ވެސް މާގިނަ ދުވަހެއްނުވެ އޭނާ ދޫކޮށްލަފާނެ. ހަތޫގެ ލައިފަށް އައިސްފައިވާ ހެޔޮ ބަދަލުތައް ފެނުނީމަ އޭނާ އޭރުން މާ ޖެލަސްވާނެ." ލުހާމް ވާހަކަދެއްކީ ހަތޫން ހިތްހަމަޖައްސާށެވެ.

"އަހަރެން ފިރިމީހާއަށް މިހާރު ވިސްނޭ." ހަތޫން ހިނިތުންވެލި އެވެ. އޭނާގެ ހިތާއި ސިކުނޑީގައި ކެކި އަރަމުން އައީ މާޔާގެ ކިބައިން ބަދަލު ހިފާނޭ ގޮތެކެވެ. އެ ދަނޑިވަޅު ފަހިކުރާނޭ ގޮތެކެވެ.

ހަތޫންއާއި ލުހާމް ޕްރޮޖެކްޓް އޮފީހަށް އައީ ކީއްވެކަން މާޔާއަށް އޮޅުންފިލީ ބައްދަލުވުން ނިންމާފައި ނުކުތްފަހުންނެވެ. ހަތޫންއާ އޮތް އެކުވެރިކަން ނިންމާލި ފަހުން އޭނާގެ ދިރިއުޅަށް އައި ބަދަލުތަކެއް މާޔާ ނުދެނަހުއްޓެވެ. ހޯދާ ބަލާކަށް ވެސް މަސައްކަތްކޮށްފައެއް ނެތެވެ. އެހެންވެ އޭނާއަށް އިވިގެން ދިޔައީ އާ ވާހަކަތަކެކެވެ. ދިމާވި އިއްތިފާގުން މާޔާ އަޖައިބުވެ ބަސް ހުއްޓުނެވެ. ބިންވެރިޔާގެ ބަދަލުގެ ބައްދަލުވުމަށް ހާޟިރުވާނޭކަމަށް ބުނި ފަރާތަކީ ހަތޫނާއި ލުހާމެވެ. އެއީ ހަތޫންގެ ދޮންބައްޕަގެ ބިމަކެވެ. ދަރިއަކުނެތް ހުވަފަތްވެފައިވާ ފިރިހެނަކާ ހަތޫންގެ މަންމަ ކައިވެނި ކޮށްގެން އެ މީހާގެ ރަށަށް ބަދަލުވީ އެވެ. ދޮންބައްޕައެއްގެ ގޮތުގައި ވިޔަސް މުދާވެރި ފައިސާ އޮތް ބައްޕައަކު ހަތޫނަށް ލިބުނީ އެވެ. ހަތޫނާއި ލުހާމްގެ ކައިވެނި ވެސް ކުރެވުނީ ރަށުގަ އެވެ. ގިނަބައެއްގެ ސަމާލުކަމަށް އައި ޙަފުލާއަކަށް އޭގެ ދެމަފިރިންގެ ކައިވެނީގެ ވަލީމާ އޮތީ ވެފަ އެވެ. މިހާ ބޮޑު ބަދަލުތަކެއް އަތުވެދާނޭ މާޔާގެ ހިތަކަށް ވެސް ނާރަ އެވެ. ކަންތައް މިވީ ގޮތުން ހަތޫންގެ ކުރިމައްޗަށް އަރަން ޖެހުމުގެ ފުރުޞަތު މަދުން ނަމަވެސް އެބައޮތްކަން މާޔާއަށް ވިސްނުނެވެ.

"މައި ބޭޑް ލަކް." ޕްރޮޖެކްޓް އޮފީހުން ނުކުމެ މަގުމަތި ފެންނާނޭހެން އަސްކަނި ދަށުގައި މަޑުކޮށްލައިގެން ވިސްނަން ހުރެފައި އަމިއްލަ ނަފްސަށް ނިސްބަތްވާހެން މާޔާއަށް ބުނެލެވުނެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭއަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު ދިރިއުޅުން ފަސޭހަވާނޭ މަގެއް އަދި އޭނާއަކަށް ނުފެނެޔޭ ހިތަށް އެރި އެވެ.

(ނުނިމޭ)