ސްޓެލްކޯ

ކޭބަލެއް ވަގަށް ނެގުމުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަކަށް ގުޅާފައިވާ ކޭބަލެއް ބުރިކޮށް ވަގަށް ނެގުމުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ މަޖީދިއްޔާ ސްކޫލް ސަރަހައްދުގައި ހުންނަ ސްޓެލްކޯގެ ސަބްސްޓޭޝަނެއްގެ ޓްރާންސްފޯމަރަށް ގުޅާފައިވާ ކޭބަލްތަކުގެ ތެރެއިން ކޭބަލެއް ބުރިކޮށް ނެގުމަށްފަހު އަނެއް ކޭބަލް ބުރިކުރަން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯ އިން ބުނި ގޮތުގައި އެ ކުންފުނީގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިއުމާއި ގުޅިގެން މަޖީދިއްޔާ ސްކޫލު ހިމެނޭހެން ހެންވޭރުގެ އަބަދަށްފެހި މަގާއި، މެދުޒިޔާރަތްމަގު، ކަޅުހުރާ މަގު އަދި ކަރަންކާ މަގުގެ ބައެއް ގެތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފަ އެވެ.

އެ ކުންފުނިން ބުނީ އާ ކޭބަލެއް އަޅައި ކަރަންޓުގެ ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެ އާއި ހުޅުމާލޭގައި މަގުމަތީގައި ހުންނަ ކަރަންޓު ކޭބަލްތައް ވަގަށް ނެގުމުގެ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

އެ ގޮތުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓުގައި ޖެހި މިއަހަރުގެ މާޗްމަހު މީހަކު ވަނީ މަރުވެފަ އެވެ.