ރަޝިއާއަށް ހަމަލާދިނުމަށް ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް ފޮނުވާ ހުރިހާ ހަތިޔާރެއް ހަލާކުކުރާނެ ކަމަށް އދއަށް ކަނޑައަޅާފައި ހުންނަވާ ރަޝިއާގެ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވެއްޖެ އެވެ.
މިސައިލުން ދިފާއުވުމަށް އެމެރިކާއިން ފޮނުވާ ޕެޓްރިއޮޓް އެއާ ޑިފެންސް ސިސްޓަމަށްވެސް ހަމަލާދޭނެ ކަމަށް ސަފީރު ވިދާޅުވި އެވެ.
އެމެރިކާ ބުނާ ބަހަށް ހެއްލި ޔުކްރޭނަށް ހަތިޔާރު ފޮނުވާ ހުރިހާ ގައުމަކަށް އިންޒާރު ދެއްވައި ރަޝީއާ ސަފީރު ވިދާޅުވީ ރަޝިއާއަށް ގެއްލުން ދިނުމަށް ބައިއަތުހިފާ ކޮންމެ ގައުމަކަށް ހާއްސަ އެޖެންޑާއެއް ރަޝިއާ އިން ކަނޑައަޅާނެ ކަމަށެވެ.
އެމެރިކާގެ ވެރިކަން ބަދަލުވެ ޑޮނަލްޑް ޓްރަމްޕަށް ވެެރިކަން ލިބިއްޖެނަމަ ޔުކްރޭން ހަނގުރާމަ ހުއްޓުވާނެ ކަމަށް އޭނާ ވިދާޅުވާ ވިދާޅުވުމާ މެދު ސުވާލު ދެންނެވުމުން ސަފީރު ވިދާޅުވީ ޔުކްރޭން ހަނގުރާމަ އަކީ 24 ގަޑިއިރު ތެރޭގައި ނިންމޭ ވަރަށް ވުރެ ބޮޑު ކަމެއް ކަމަށެވެ.
ރަޝިއާގެ ސަލާމަތަށް ނުރައްކަލެއް އޮތް ނަމަ ރައްކާތެރިކަން ކަށަވަރުވުމަށް ދާންދެން ހަނގުރާމަ ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ރަޝިއާގެ މަސްލަހަތު އޮތް ކަމެއްގައި ރަޝިއާގެ އެއްބަސްވުމެއް ނެތި އެ މައްސަލައެއް ކޮޅެއްގައި ނުޖެއްސޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ޔުކްރޭނަށް މީގެ ކުރިންވެސް ހަތިޔާރު ފޮނުވި ކަމަށެވެ. މީގެތެރެއިން ބޮޑުބައި ހަލާކުވެ ގޮސްފައިވަނީ ރަޝިއާއިން ދިން ރައްދު ހަމަލާތަކުގައި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔުކްރޭނަށް ފައިޓަރު ޖެޓް ފޮނުވި ނަމަވެސް ބަލަން ތިއްބައި ގޮއްވާލާނެ ކަމަށެވެ.
ޔުކްރޭނުން ރަޝިއާގެ ތެރެއަށް ހަމަލާދީފިނަމަ އެއަށް ވުރެ ބޮޑު ގެއްލުމެއް ތަޖުރިބާކުރަން ޖެހޭނެ ކަމުގެ އިންޒާރުވެސް ސަފީރު ދެއްވި އެވެ.
ޔުކްރޭނަށް ސުލްހަ ގެނައުމަށް ރަޝިއާ ސިފައިން ޔުކްރޭނުން ފައިބަންޖެހޭ ކަމަށް ބަޔަކު ބުނި ނަމަވެސް ރަޝިއާ އޮތީ އެކަހަލަ މޮޔަކަމެއް ކުރާ ގޮތައް ނޫން ކަމަށްވެސް ރަޝިއާގެ ސަފީރު ވިދާޅުވި އެވެ.