އެމްޓީސީސީ

ބިލެތްފަހިގެ ބަނދަރުގެ މަސައްކަތް ނިމެނީ

ށ. ބިލެތްފަހިގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 86 ޕަސަންޓް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން މިއަދު ބުނީ އެ ރަށުގެ ބަނދަރުގެ މަސައްކަތަށް ބޭނުންވާ ހަތަރުވަނަ ބޮޑުހިލައިގެ ޝިޕްމަންޓް މިހާރު ވަނީ އެ ސައިޓަށް ޓްރާންސްފާ ކޮށްފައި ކަމަށެވެ.

އެ ކުންފުނިން މައުލޫމާތު ދިން ގޮތުގައި މި މަޝްރޫއުގެ ދަށުން ކުރާ މަސައްކަތްތަކުގެ ތެރޭގައި 10500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ބަނދަރުގެ ބެސިން ފުން ކުރުމުގެ އޮޕަރޭޝަންތަކާއި، 3825 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި މިހާރު ހުރި ބެސިން ފުންކުރުމަށް އޮޕަރޭޝަންތަކެއް ކުރިއަށް ގެންދިއުން ހިމެނޭ ކަމަށެވެ.

މީގެ އިތުރުން 9800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އެންޓްރެންސް ޗެނަލް ފުންކުރުމުގެ އޮޕަރޭޝަންތަކާއި 3500 ކިއުބިކް މީޓަރުގެ ދޯނި އެހަލާ ސަރަހައްދެއް ފުންކުރުމުގެ އޮޕަރޭޝަން ތަކެއްވެސް ކުރިއަށް ގެންދިއުން ހިމެނެ އެވެ.

މި މަސައްކަތްތަކުގެ އިތުރުން އެމްޓީސީސީން ބުނެފައިވަނީ 22 މީޓަރުގެ ގްރޮއިން ހެދުމާއި، 181 މީޓަރުގެ ބަނދަރު ފާރެއް އެޅުމާއި، 376 މީޓަރުގެ ބްރޭކްވޯޓަރެއް އަދި 170 މީޓަރުގެ ރިވެންޓްމަންޓަކާއި 1549 އަކަމީޓަރުގެ ބަނަދަރު ޕޭވްމަންޓް އިންސްޓޯލް ކުރުންވެސް މިމަޝްރޫއުގައި ހިމެނޭ ކަމަށެވެ.

މީގެއިތުރުން ރޭމްޕް އެޅުމާއި، ބްރިޖް އެޅުމާއި، ބަނދަރު ލައިޓާއި، ނެވިގޭޝަނަލް ލައިޓު ހަރުކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

ބިލެތްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 40.73 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.