ވިޔަފާރި

އުރީދޫ އަށް އެންމެ ގިނަ އާމްދަނީ ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ!

Mar 8, 2016
3
  • މުޅި ގްރޫޕަށް މިދިޔަ އަހަރު 23 ބިލިއަން ޑޮލަރު
  • ހިދުމަތް ހޯދާ މީހުންގެ އަދަދު ނުވަ ޕަސެންޓް އިތުރުވި
  • އެންމެ ފައިދާ ބޮޑު އެއް ގައުމަކީ ރާއްޖެ

އުރީދޫ ގްރޫޕަށް އެންމެ ގިނަ އާމްދަނީ ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިއްޖެ އެވެ.

އުރީދޫ ގްރޫޕުން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން މުޅި ގްރޫޕަށް މިދިޔަ އަހަރު 23 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މިދިޔަ އަހަރު ނިމުނުއިރު އުރީދޫ ގްރޫޕުގެ ކަސްޓަމަރުންގެ އަދަދު ވަނީ 117 މިލިއަނަށް އިތުރުވެގެން ގޮސްފަ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ އިތުރު އަދަދެކެވެ.

މި ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އުރީދޫ ގްރޫޕަށް އެންމެ ގިނައިން އާމްދަނީ ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ގަތަރު، އޮމާން، މިޔަންމާ، އަލްޖީރިއާ އާއި ކުވެއިތު ހިމެނެ އެވެ. މި ގައުމުތަކުން ލިބުނު އާމްދަނީ ވަނީ ހަތަރު ޕަސެންޓް އިތުރުވެފަ އެވެ.

މާލީ ގޮތުން އުރީދޫ ގްރޫޕަށް ލިބުނު ބޮޑު ކުރިއެރުމާ ބެހޭ ގޮތުން ޗެއާމަން ޝެއިހް އަބްދުﷲ ބިން މުހައްމަދު ސައުދު އަލް ތާނީ ވިދާޅުވީ މިދިޔަ އަހަރު އިތުރު 9.5 މިލިއަން ކަސްޓަމަރުން ހޯދުމަކީ ބޮޑު ކުރިއެރުމެއް ކަމަށެވެ.

އުރީދޫ ގްރޫޕަށް އެންމެ ގިނަ އާމްދަނީ ލިބުނު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުނުއިރު، އުރީދޫ މޯލްޑިވްސްއިން ދަނީ ރާއްޖޭގައި އާ ހިދުމަތްތަކެއް ތައާރަފު ކުރަމުންނެވެ. އެގޮތުން ގާތްގަނޑަކަށް 1.5 މިލިއަން ޑޮލަރު އިންވެސްޓްކޮށް މޮބައިލް މަނީގެ ހިދުމަތްވެސް ވަނީ ދޭން ފަށާފަ އެވެ.