ދުނިޔެ

ބައިޑަން ރިއާސީ އިންތިހާބު ދޫކޮށްނުލައްވާނެ: ވައިޓް ހައުސް

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދިވެސް ހުންނެވީ މި އަހަރު ނޮވެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ގޮތަށް ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު -- ވައިޓު ހައުސްއިން ބުނެފި އެވެ.

ރިޔާސީ ރޭހުން ވަކިވެވަޑައިގެން ވާދަވެރިންނަށް އަމާންދެއްވުމަކީ ބައިޑަން އެއްގޮތަކަށްވެސް ކުރައްވާނެ ކަމެއް ނޫން ކަމަށް ގަނޑުވަރުން ބުންޏެވެ.

ޖޯ ބައިޑަން ރައީސްކަމުގެ ދެވަނަ ދައުރެއް ހޯއްދެވުމަށް ރިޔާސީ ރޭހަށް ނުކުމެވަޑައިގެން އިދިކޮޅު ވާދަވެރިޔާ -- އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވާދަކުރެއްވި ރިޔާސީ ބަހުސުން ވަނީ ފޭލިވެވަޑައިގެންފަ އެވެ.

ބަހުސްގެ ރިޔާސަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގައި ޑޮނަލްޑް ޓްރަމްޕް ދެއްކެވި ގާބިލުކަމާ ގާތްކުރާ ވަރަށްވެސް ބައިޑަންއަށް ޖަވާބުދާރީވެ ވަޑައި ނުގެންނެވުނެވެ. ސުވާލުތަކާ ގުޅުމެއް ނެތް ޖަވާބުތަކެއްވެސް ބައިޑަންއަށް ވަނީ ވިދާޅުވެވިފަ އެވެ.

މި ބަހުސަށްފަހު ރިޔާސީ ރޭސް ދޫކޮށްލެއްވުމަށް ނިއުޔޯކް ޓައިމްސް ފަދަ ނުފޫޒުގަދަ ނޫސްތަކުން ވެސް ވަނީ ބައިޑަންއަށް ދަންނަވާފަ އެވެ. އަދި ބައިޑަންގެ އަމިއްލަ ޕާޓީ -- ޑިމޮކްރޭޓުުންގެ ތެރޭގައިވެސް ބައިޑަންއާ މެދު އޮތީ ކަންބޮޑުވުމެވެ. ނަމަވެސް ވައިޓް ހައުސްގެ ތަރުޖަމާން ކަރީން ޖޯން ޕިއާ ވިދާޅުވީ ރިޔާސީ އިންތިހާބު ދޫކޮށްލާ ވަރުގެ ސަބަބެއް ބައިޑަންގެ ނެތް ކަމަށެވެ.

ކަރީން ވިދާޅުވި ގޮތުގައި އިންތިހާބަށް ތައްޔާރުވުމަށް ބައިޑަން މިހާރުވެސް އުޅުއްވަނީ ކެމްޕޭން ކުރެއްވުމުގައި މުރާލިކޮށެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބައިޑަން ހުންނެވީ އެމެރިކާގެ ރައީސެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް ފުރިހަމަވާ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވި އެވެ.

ރައީސްކަމުގެ ދެވަނަ ދައުރަކަށް ވާދަނުކުރެއްވޭ ވަރުގެ ސަބަބެއް -- ބަލިމަޑުކަމެއް ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަމެއް ބައިޑަންގެ ނެތް ކަމަށްވެސް ކަރީން ވިދާޅުވި އެވެ.

ބައިޑަން އުޅުއްވަނީ ޕާޓީގެ ތެރޭގައި -- ޕާޓީގެ ރިޔާސަތާ އެކު ދެވަނަ ދައުރަށް ތައްޔާރުވެވަޑައިގަތުމުގައި ކަމަށްވެސް ތަރުޖަމާން ވިދާޅުވި އެވެ.

ބައިޑަން ނޫން ކެންޑިޑޭޓަކު ހޯދުމަކީ ޕާޓީގެ ވިސްނުން ނޫން ކަމަށްވެސް ކަރީން ވިދާޅުވި އެވެ.

ކަރީން މިހެން ވިދާޅުވި ނަމަވެސް ބައިޑަންގެ ކިބައިން ނާގާބިލު ކިތަންމެ ސިފައެއް، އަމަލެއް ފެނިފައިވާ ކަމަށް ވާދަވެރިން ބުނެ އެވެ. އެވަރުގެ ކެންޑިޑޭޓެއް ރިޔާސީ ރޭހަށް ނުކުމެގެން ނުވާނެ ކަމަށްވެސް ވާދަވެރިން ބުނެ އެވެ.