ތުހުމަތަކާއެކު ޑިފެންސް މިނިސްޓަރު ކަމުން ވަކި ކުރައްވާފައިވާ މުހައްމަދު ނާޒިމް މިރޭ ބެންކޮޮކަށް ފުރާވަޑައިގަންނަވަން އެއާޕޯޓަށް ވަޑައިގެން އުޅުއްވަނިކޮށް ޕާސްޕޯޓް ހިފަހައްޓައި އޭނާ ހުއްޓުވައި، އިމިގްރޭޝަންގައި ނަން ބްލެކްލިސްޓް ކޮށްފި އެވެ.
ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ ނާޒިމްގެ ޕާސްޕޯޓް ހިފެހެއްޓީ އޭނާއާ ގުޅޭ މައްސަލައެއް ފުލުހުން ބަލަމުން އަންނާތީ ކޯޓް އަމުރެއްގެ ދަށުން ކަމަށެވެ.
އެ އޮފިޝަލު އަދި ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓި އިރު ނާޒިމްގެ މައްޗަށް ކުރާ ތުހުމަތު ތަކުގެ ތެރޭގައި އޭނާ އާއި ކުރީގެ ޕޮލިސް ކޮމިޝަނަރު، މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ރިޔާޒާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު، ބާރުގެ ބޭނުންކޮށް ސަރުކާރުގެ ވައްޓާލަން ރާވައި އެކަމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ހިމެނެ އެވެ.
ނާޒިމް މަގާމުން ވަކި ކުރެއްވީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޭނާ މަގާމުން ވަކި ކުރީ އޭނާގެ އެޕާޓްމަންޓަށް ކޯޓް އަމުރެއްގެ ދަށުން ފުލުހުން މެންދަމު ވަދެ ފާސްކުރިއިރު ހަތިޔާރު ފެނިފައިވާ ކަމަށް ބުނެއެވެ. -- އެގެއިން ފިސްތޯލައަކާއި ވަޒަނެއް އަދި ހަދާފައިވާ ބޮމެއް ފެނުނު ކަމަށް ބުނެ އެވެ. --
ނާޒިމްގެ އެޕާޓްމަންޓުން ހަތިޔާރު ފެނުނު ކަމަށް ބުނާ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު ނާޒިމާ ހަވާލާދީ އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ އެޕާޓްމަންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރު ފަދަ ތަކެއްޗަކީ ނާޒިމް އަދި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށެވެ. ފުލުހުން ބުނެފައި ވަނީ ހަތިޔާރާ ގުޅިގެން ނާޒިމަށް އެކަށީގެންވާ ގޮތުގައި މިހާތަނަށް ޖަވާބުދާރީވެ ވަޑައިގެންފައި ނުވާ ކަމަށެވެ.
ނާޒިމް ގާނޫނީ ވަކީލުންގެ ޓީމް ނިސްބަތް ވަނީ އާޒިމާ ޝަކޫރުގެ މަސްލަހަތު އޮންނަ ލޯފާމް، އަވަންޓްގާޑަށެވެ. އަދި ނާޒިމްގެ އެކުރިވެ އަބްދުﷲ ރިޔާޒް ވަނީ ނާޒިމްގެ މައްސަލައިގައި އޭނާގެ ދިފާއީ ޓީމަށް ފަންނީ އެހީ ދިނުމަށް އަމިއްލަފުޅަށް އެދިވަޑައިގެންފައެވެ.
ނާޒިމް މަގާމުން ވަކި ކުރުމާ ގުޅިގެން ނޫސްވެރިންނާ ކުރިމަތިލައްވާ އޭނާ ވަނީ ރަސުލް ޖުމްހޫރިއްޔާ ކަމަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އަދި ސަރުކާރަށް މުހުލަތެއް ދެއްވުމަށް ފަހު، އިދިކޮޅު ފަރާތްތަކާ ގުޅޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.