މަސްތުވާތަކެތި

100 ކިލޯގެ ޑްރަގު މައްސަލައިގައި ހިމެނޭ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި

ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ދައުވާ ކުރަން ފޮނުވާފައިވާ މީހަކު، އަނެއްކާވެސް މަސްތުވާތަކެއްޗާ އެކު އަތުލައިގެންފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓް، ޑްރަގް އިންޓެލިޖެންސް، މެރިން ޕޮލިސް އަދި ފޮރެންސިކް ފުލުހުން ގުޅިގެން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ. އެ މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން އަނެއްކާވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރި މީހަކީ، ގއ. ކޮލަމާފުށި ސޯސަންގެ އިބްރާހީމް ޒާއިދު ހަބީބު އެވެ.

އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ދިނީ އެންމެ ފަސް ދުވަހެވެ.

މާލޭގެ ބައެއް ގޭގޭގެ އިތުރުން ސަފާރީއަކާއި ލޯންޗެއް ބަލައި ފާސްކުރި އެ ބޮޑު އޮޕަރޭޝަނުގައި އަތުލައިގަތް 100 ކިލޯއާ ގާތްކުރާ އަދަދެއްގެ މަސްތުވާތަކެތީގެ ތެރޭގައި ހެރޮއިން ހިމެނެ އެވެ. އަދި އެތަކެއްޗާ ގުޅުން އޮތް ކަމުގެ ތުހުމަތުގައި އިބްރާހީމް ޒާއިދު ހަބީބު ހިމެނޭހެން 10 މީހަކު އޭރު ހައްޔަރުކުރި އެވެ. އެއީ 2021 ވަނަ އަހަރު އެވެ.

މި މައްސަލައިގައި ހިމެނޭ އެހެން މީހަކުވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މަސްތުވާތަކެތީގެ އިތުރު މައްސަލައެއްގައި ހައްޔަރުކޮށްފައިވެ އެވެ.

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ކުރިން އިބްރާހީމް ޒާއިދު ހަބީބު ހައްޔަރުކޮށް، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލި އެވެ. އޭރު އިބްރާހީމް ޒާއިދު ހަބީބު ބަންދު ކުރި ނަމަވެސް އޭނާ ފަހުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ބުނެ އެވެ.