ދުނިޔެ

ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ރައީސް ޕޫޓިންއާ ބައްދަލުކުރައްވައިފި

ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން އޮތީ ރަޝިއާގެ ރިޔާސީ ގަނޑުވަރު -- ކްރެމްލިން ގައެވެ.

ވިކްތަރު އޯބަންގެ މި ދަތުރަކީ ޔުކްރޭނަށް އޭނާ ކުރެއްވި ދަތުރުގެ ބައެކެވެ. އެކަމަކު މިއީ ރަސްމީ އެޖެންޑާގައި ނެތް ދަތުރެކެވެ.

ޔުކްރޭން ދަތުރު ނިއްމާލެއްވުމަށްފަހު ރަޝިއާއަށް ވަޑައިގަތީ -- ރަޝިއާ އަކީ ހަންގޭރީގެ ވަރަށް ގާތް އެކުވެރިއަކަށް ވާތީ ކަމަށް އޯބަން ވިދާޅުވި އެވެ.

އޯބަންގެ މިދަތުރަކީ ޔޫރަޕިއަން ޔޫނިއަންގެ އެއްވެސް ސިޔާސަތެއް ތަންފީޒުކުރެއްވުމަށް ކުރެއްވި ދަތުރެއް ނޫން ކަމަށް އޭނާގެ ތަރުޖަމާން ވިދާޅުވި އެވެ.

ތަރުޖަމާން މިހެން ވިދާޅުވި ނަމަވެސް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރު ގައުމެއްގެ ވެރިއަކު -- ޔޫރަޕިން ޔޫނިއަނުން ގުޅުން ކަނޑާލާފައި އޮތް ގައުމަކަށް -- ރަޝިއާއަށް ދަތުރުކުރެއްވުމަކީ އުސޫލުން ބޭރު ހަރަކާތެއް ކަމަށް އީޔޫ އިން ވަނީ ބުނެފަ އެވެ.

އޯބަން ރަޝިއާއަށް ވަޑައިގަތުމުގައި ޔޫރަޕްގެ އެއްވެސް ހައިސިއްޔަތެއް އަދި އެޖެންޑާއެއް ތަންފީޒު ނުކުރެއްވޭނެ ކަމަށްވެސް އީޔޫއިން ބުންޏެވެ.

ވިކްތަރު އޯބަން ރަޝިއާއަށް ވަޑައިގަތުމުން ޔޫރަޕިއަން ޔޫނިއަނުން ވަނީ ރަތަށް އަރާފަ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުން ދެކޭ ގޮތުގައި ޕޫޓިންއާ ބައްދަލުކުރައްވައި ޔޫރަޕްގެ ސިޔާސަތެއް ތަންފީޒު ކުރެއްވުމަށް އޯބަން މަޝްވަރާކުރައްވަފާނެ އެވެ.

ޔޫރަޕިއަން ޔޫނިއަން ކައުންސިލްގެ ރިޔާސަތު ބެލެހެއްޓުން އޮންނަނީ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަމަހަކުން ބަދަލުވާ ގޮތަށެވެ. މި ދައުރުގެ ރިޔާސަތަކީ ހަންގޭރީ އެވެ.

ހަނގްރޭރީގެ ރިޔާސަތުގައި އެ ގައުމުގެ ބޮޑުވަޒީރު ރަޝިއާއަށް ދަތުރުކުރައްވައި -- ޔުކްރޭން ހަނގުރާމައާ މެދު ކައުންސިލްގެ ވިސްނުން ހުރި ގޮތް ފާޅުކުރެއްވުމަކީ ޔޫރަޕިއަން ޔޫނިއަންގެ ބޮޑު ސިއްރެއް ފާޅުވުމެވެ.

މިއީ ޔޫރަޕިއަން ޔޫނިއަނުން ވަރަށް ކަންބޮޑުވާ ކަމެކެވެ. އޯބަންއަށް މިކަން ނުކުރެވޭނެ ކަމަަށް ބުނެ މެމްބަރު ގައުމުތަކުން ދެކޮޅު ހަަދަނީ ކުރިމަވެދާނެ ހިތާމައެއްގެ ބޮޑުކަމުންނެވެ.

ރައީސް ޕޫޓިން ވެސް އޯބަންއާ ބައްދުކުރައްވައި ވިދާޅުވީ ޔޫރަޕްގެ ކައުންސިލްގެ ވިސްނުން ހުރި ގޮތް އޯބަން ހިއްސާކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ހާރިޖީ ސިޔާސަތާ ބެހޭ ސަފީރު ޖޯސެފް ބޮރެލް ވިދާޅުވި ގޮތުގައި އޯބަން ރަޝިއާއަށް ވަޑައިގެން ޕޫޓިންއާ ކުރައްވާ މަޝްވަރާތައް -- ރަޝިއާ އާއި ހަންގޭރީއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން ބޭރުނުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.