އަލިފާން

މަޖިލިސް ކައިރީ ސައިކަލުތައް ރޯކޮށްލި މީހާ "ވާނުވާ" ބަންދަށް

ރައްޔިތުން މަޖިލިސް ހިމެނޭ ގްރީން ޒޯނުގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް "ވާނުވާ" ޖަހައިފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ހ. ފޯސީޒަން ފައިރޫޒު އިބްރާހީމް އެވެ.

ފައިރޫޒް ބަންދުކޮށް އެންމެ ފުރަތަމަ އޭނާގެ ބަންދަށް ދިނީ 30 ދުވަހުގެ މުއްތަކެވެ. އެ މުއްދަތު ހަމަވެގެން އިއްޔެ އޭނާ ކޯޓަށް ހާޒިރު ކުރުމުން، ވާނުވާ ބަންދަށް ވަނީ ބަދަލުކޮށްފަ އެވެ.

ވާނުވާ ބަންދަކީ ޝަރީއަތް ނިމެންދެން ޖަހާ ބަންދު މުއްދަތެވެ. މިއަދު އޭނާ ބަންދުކޮށްފައިވަނީ ޝަރީއަތް ނިމެންދެނެވެ.

ރައްޔިތުން މަޖިލިސް ކުރިމަތިން އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައި އަލިފާން ރޯކޮށްލުމުގެ ސަބަބުން ހަތް ސައިކަލަކަށް ގެއްލުން ލިބިފައިވާ ކަމަށާއި މީގެތެރެއިން ތިން ސައިކަލް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލައިގެ ބަންދު އަމުރު ރިޕޯޓުން އެނގޭ ގޮތުގައި ފައިރޫޒުއަށް ދައުވާ ކުރުމަށްޓަކައި މިހާރު ވަނީ ޕީޖީ އޮފީހަށް ލިޔެކިޔުންތައް ފޮނުވާފަ އެވެ. އެކަމަށް ރިއާޔަތްކޮށް ދައުލަތުން އެދުނީ މި މީހާ ވާނުވާ ބަންދަށް ލާށެވެ.

ބަންދު އަމުރުން އެނގޭ ގޮތުގައި ފައިރޫޒު ވަނީ އޭނާ އޮޕަރޭޝަނެއް ކޮށްފައިވާތީ ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ. އެހެންނަމަވެސް ކޯޓުން ނިންމީ ވާނުވާ ބަންދަށް އޭނާ ލާށެވެ.