ރައްޔިތުންގެ މަޖިލިސް

ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބޭ މުއްދަތު އިތުރުކުރަން އިސްލާހެއް

ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބޭ މުއްދަތު އިތުރުކުރަން ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފި އެވެ.

ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އެވެ.

މި އިސްލާހު ހުށަހެޅުމުގެ ސަބަބުތަކުގެ ތެރޭގައި ކޮޕީރައިޓްގެ ހައްގުތަކަށް ހިމާޔަތް ލިބިދެވޭ މުއްދަތު 50 އަހަރުން 70 އަހަރަށް އިތުރުކުރުން ހިމެނެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުން އުފެއްދުމެއްގެ މުސައްނިފުގެ ހަޔާތުގައި އަދި އެ މީހަކު މަރުވުމަށްފަހު 50 އަހަރު ވަންދެން މި ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެ އެވެ. އަދި ދެ މީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުން ގުޅިގެން އުފައްދާފައިވާ އުފެއްދުމެއްގެ އިގުތިސާދީ އަދި އަހުލާގީ ހައްގުތައް އެންމެފަހުން ދިރިހުރި މުސައްނިފުގެ ހަޔާތުގައި އަދި އެއަށްފަހު ފުރިހަމަ 50 އަހަރު ވަންދެން ގާނޫނުގެ ދަށުން ހިމާޔަތްކުރެވޭނެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އެ މުއްދަތު 50 އަހަރަށް ބަދަލުކުރުން ހިމެނެ އެވެ.

ގާނޫނަށް ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި އަޑުގެ ރިކޯޑިންތަކާއި ސެޓްލައިޓް، އިންޓަނެޓް އަދި ކޭބަލް މެދުވެރިކޮށް ކުރެވޭ ބްރޯޑްކާސްޓް ހިމެނެ އެވެ.

އިސްލާހުތަކުގެ ތެރޭގައި ކޮޕީރައިޓުގެ ހައްގެއް ރަޖިސްޓަރީކުރާ މީހުންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުންވެސް ހިމެނެ އެވެ.