ރާއްޖެއާއި ޗައިނާ އާއި ދެމެދު ވިޔާފާރީގެ މުއާމަލާތްތައް ކުރުމަށް ވަރަށް އަވަހަށް ޗައިނާގެ ފައިސާ -- ޔޫއާން ބޭނުންކުރަން ފެށޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި އެކަމުގެ ސަބަބުން ޗައިނާގެ ބައިލޭޓަރަލް ޓްރޭޑަށް އަރާ އެއް ބިލިއަން އެމރިކާގެ ޑޮލަރު ސަލާމަތްކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕިއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ޔުއާން އިން ވިޔަފާރި ކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއް މިހާރު އެބައޮތް ކަމަށެވެ. އެ އެއްބަސްވުމަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުންތައް ދިރާސާކޮށް ޗައިނާ އިން ދާދި އަވަހަށް އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އެއަށްފަހު ރާއްޖޭގެ ސެންޓްރަލް ބޭންކާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، އެމެރިކާގެ ޑޮލަރާއި ނުލައި ޗައިނާއާއި އެކު ވިޔަފާރީގެ މުއާމަލާތްތައް ކުރަން ފެށޭނެ ކަމަށާއި ޗައިނާގެ ބައިލެޓަރަލް ޓްރޭޑަށް އަރާ އެއް ބިލިއަން އެމެރިކަން ޑޮލަރު އޭރުން ސަލާމަތްކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ޗައިނާއާއެކު ބައިލެޓަރަލްޓްރޭޑް އެބައަރާ ގާތްގަނޑަކަށް އެއް ބިލިއަން އެމެރިކާ ޑޮލަރާއި ހަމައަށް، މިހާރު ކަރަންޓް ފިގާޒްއިން ހަމައެކަނި ގުޑްސް އެންޑް ޓްރޭޑަށް ބެއްޔަސް 700 މިލިއަން ޑޮލަރު. ގުޑްސް އެންޑް ސާވިސަސް އަށް އަދި ޓޫރިޒަމް ސެންޓަރު ލައިފި ކަމަށް ވާނަމަ އެއް ބިލިއަން ހުރަސްކޮށް އެބަދޭ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިދިޔަ ހަމަސް ދުވަހު ޕީޕަލްސް ބޭންކް އޮފް ޗައިނާއާ އެކު މަޝްވަރާ ކުރެއްވީ ލޯކަލް ކަރަންސީ ސެޓަލްމެންޓް (އެލްސީއެސް) ހެދުމުގެ މަސައްކަތް ކުރުމަށް ކަމަށާއި ރައީސް ވަނީ ޗައިނާގެ އިސް ވެރިންނާއި ބައްދަލުކޮށް މިކަން ފަހިކޮށްދޭން އެދިވަޑައިގެންފައި ކަމަށްވެސް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ މި ސެޓަލްމަންޓުގެ ސަބަބުން ރާއްޖޭގެ ދަރަންޏާއި، އެނާޖީ އިމްޕޯޓާއި، ޖެނެރަލް އިމްޕޯޓަށް ވެސް އެދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޗައިނާގެ ޔޫއާން ބޭނުންކޮށްގެން ވިޔަފާރި މުއާމަލާތް ކުރެވުމާއި، ޗައިނާއިން އިމްޕޯޓް ކުރާ މުދަލަށް ޑޮލަރު ބޭނުންކުރުމުގެ ބަދަލުގައި ދިވެހި ރުފިޔާއާއި ޗައިނީޒް ޔުއާން ބޭނުންކޮށްގެން މުއާމަލާތް ކުރެވޭނެ ކަމަށެވެ.
މީގެއިތުރުން ވިޔަފާރީގެ މުއާމަލާތްތަކުގައި ޗައިނާގެ ޔުއާން ބޭނުންކުރަން ފެށުމުން ރާއްޖޭގެ ތަަރައްގީއަށް ޗައިނާގެ ބޭންކުތަކުން ނަގާ ފައިސާގެ އިންޓްރެސްޓް ރޭޓްވެސް އެތައް ގުނަ އަކުން ދަށްވެގެެން ދާނެ ކަމަށާއި އޭރުން ބޭރު ފައިސާ ނުލިބިގެން ދިމާވާ ޕްރެޝާ ވަރަށް ބޮޑުތަނުން ކުޑަކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ ޗައިނާގެ އިތުރުން އިންޑިއާއާއި އެކު ވެސް މިފަދަ އެއްބަސްވުމެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އިންޑިއާއާއި ޗައިނާއާއި އެކު މިކަން އެއްކޮށް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ ސަބަބުން ބޭރުން މުދާ ގެނައުމަށް މި ދެ ގައުމާއެކު ކުރާ މުއާމަލާތްތަކަށް ހޭދަވާ 1.7 ބިލިއަން އެމެެރިކަން ޑޮލަރުގެ ބަދަލުގައި ރުޕީސްއާއި ޗައިނީޒް ޔުއާން ބޭނުންކުރެވި ލުއިތަކެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.