ދުނިޔެ

ސެމްސަންގް މުވައްޒަފުން މުސާރަ ކުޑަ ކަމަށް ބުނެ ހަޅުތާލުކުރަނީ

ދެކުނު ކޮރެއާގައި ސެމްސަންގް މުވައްޒަފުންނަށް ދެނީ އެކަށީގެންވާ ވަރަށް ވުރެ ދަށް އުޖޫރައެއް ކަމަށް ބުނެ އެ ކުންފުނީގެ މުވައްޒަފުން ހަޅުތަޅުކުރަން ފަށައިފި އެވެ.

އެ މީހުންގެ މުސާރައަށް ހެޔޮ ބަދަލު ގެންނަންދެން -- ކުރިއަށް އޮތް ތިން ދުވަހު ބަސްނޭހުމުގެ ހަރަކާތެއްގެ ގޮތުގައި މަސައްކަތް ހުއްޓާލާނެ ކަމަށް މުވައްޒަފުންގެ ފަރާތުން ސެމްސަންގެ މެނޭޖްމަންޓަށް ވަނީ އަންގާފަ އެވެ.

ދަ ނެޝަނަލް ސެމްސަންގް އިލެކްޓްރޯނިކްސް ޔޫނިއަންގެ ނަމުގައި ދެކުނު ކޮރެއާގައި އުފައްދާފައި އޮންނަ ގުޅުމެއްގައި 30،000 މުވައްޒަފުން ހިމެނެ އެވެ. މި މީހުން ގޮވާލަނީ މުސާރަ އާއި އިނާޔަތްތައް އަދި ކޮއްތަށް ރަނގަޅު ގޮތެއް ހަދައިދިނުމަށެވެ.

މުވައްޒަފުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ހަޅުތާލުނުކޮށް ދެން ކަމެއް ރަނގަޅު ނުވާނެ ކަމަށް ހީވާން ފެށުމުން މަސައްކަތްތައް ހުއްޓާލަން ނިންމީ އެވެ. އަދި އަދަބުވެރިކަމާ އެކު ވެރިންނަށް ދެންނެވި އެއްވެސް ކަމެއް ހާސިލުވެފައި ނުވާ ކަމަށްވެސް އެ މީހުން ބުނެ އެވެ.

މުވައްޒަފުންގެ ގޮވާލުމަށް އެކަށީގެންވާ ޖަވާބެއް ނުލިބިއްޖެނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ހަމަނުޖެހުންތަކެއް ހިންގާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ހަޅުތާލު ތިން ދުވަހަށް -- ޖުލައި 8-10 އަށް ކުރިއަށް ގެންދިޔަ ނަމަވެސް ކުރިއަށް އޮތް ތަނުގައި ހަޅުތާލުތައް މިއަށްވުރެ ދިގު ދަންމާނެ ކަމަށްވެސް ވަނީ އިންޒާރު ދީފަ އެވެ.

މިކަމާ ބެހޭ ގޮތުން ސެމްސަންގުން އަދި ވާހަކައެއް ނުދައްކަ އެވެ. ރަސްމީ ޗެނަލްތަކުން ސެމްސަންގެ ބަޔާނެއް ނުއިއްވަ އެވެ.