ދުނިޔެ

އުތުރު ކޮރެއާގެ އެތުލީޓުންނަށް ސެމްސަންގް ސްމާޓްފޯނެއް ނުދިން

މި އަހަރު ޕެރިސް ގޭމްސްގައި ބައިވެރިވި ހުރިހާ އެތުލީޓުންނަށް ސެމްސަންގް ގެލަކްސީ ޒީ ޕްލިޕް6 ގެ ސްމާޓްފޯނެއް ދިންއިރު، އުތުރު ކޮރެއާއިން މި ކުޅިވަރުތަކުގައި ބައިވެރިވި އެއްވެސް އެތުލީޓަކަށް ސެމްސަންގް ސްމާޓްފޯނެއް ނުދެ އެވެ.

ދެކުނު ކޮރެއާއާ ހަވާލާދީ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީ (އައިއޯސީ) އިން ބުނި ގޮތުން، އުތުރު ކޮރެއާގެ އެތުލީޓުންނަށް ސެމްސަންގް ސްމާޓްފޯނެއް ނުދިނީ އެއީ އުތުރު ކޮރެއާއާ ދެކޮޅަށް އދއިން އަޅާފައި އޮތް ދަތިކުރުންތައް ހުންދަ ނުކުރާ ކަމަކަށް ވާތީ ކަމަށެވެ.

ސެމްސަންގް އަކީ އުތުރު ކޮރެއާގެ ކުންފުންޏެކެވެ. އެ ކުންފުނީގެ މައި މަރުކަޒު ހުންނަނީ އެ ގައުމުގެ ވެރިރަށް ސޯލްގަ އެވެ. މިހެންކަމުން ދެކުނު ކޮރެއާގެ ގާނޫންތަކުން މަނާކުރާ ކަމެއް ސެމްސަންގަށް ކުރެވޭކަށް ނޯވެ އެވެ.

ސެމްސަންގް އަކީ މި އަހަރުގެ އޮލިމްޕިކް ގޭމްސްގެ ރަސްމީ ބައިވެރިއެއް އަދި ސްޕޮންސަރެކެވެ. ސެމްސަންގުން ހަމަްޖައްސާފައި އޮތީ ޕެރިސް ގޭމްސްގައި ބައިވެރިވާ ކޮންމެ އެތުލީޓަކަށް ސެމްސަންގް ޒީ ޕްލިޕް6ގެ ސްމާޓްފޯނެއް ދިނުމަށެވެ. މި ގޭމްތަކުގައި 17،000 އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވި ކަމަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމެޓީން ބުންޏެވެ.

އުތުރު ކޮރެއާގެ އެތުލީޓުންނަށް ސެމްސަންގް ސްމާޓްފޯނެއް ނުދޭ ކަމަށް އައިއޯސީން ބުނެ ބަޔާނެއް ވެސް ވަނީ އޭއެފްޕީއަށް ދީފަ އެވެ. މި ބަޔާން މި ގޮތަށް ނެރެން ޖެހުނީ އެމެރިކާގެ ބައެއް ނޫސްތަކުން -- އެހެން ގައުމުތަކުގެ އެތުލީޓުންނަށް ދިން ފަދައިން އުތުރު ކޮރެއާގެ އެތުލީޓުންނަށް ވެސް ސެމްސަންގް ސްމާޓްފޯނެއް ދިން ކަމަށް ބުނެ ރިޕޯޓެއް ޝާއިއުކުރުމުންނެވެ.

އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްމާއި ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ސަބަބުން އެ ގައުމަށް ދަތިކުރަން އދއިން އޮތީ ގަރާރެއް ފާސްކޮށްފަ އެވެ. މި ގަރާރު ބުނާ ގޮތުން އދ މެމްބަރު ގައުމެއްގައި އުފައްދާ އެއްވެސް ބާވަތެއްގެ މެޝިނެއް އަދި ޓެކްނޮލޮޖީއެއް އުތުރު ކޮރެއާއަށް ދިނުމާއި ވިއްކުމަކީ މަނާކަމެކެވެ.

ދެކުނު ކޮރެއާގެ ޚާރިޖީ ވުޒާރާއިން ބުނި ގޮތުން އދގެ މެމްބަރު ގައުމެއްގެ ހައިސިއްޔަތުން -- މެމްބަރު ގައުމުތަކުން އުތުރު ކޮރެއާއާ މެދު މުއާމަލާތްކުރަން -- އދއިން ކަނޑައަޅާފައި އޮންނަ ސިޔާސަތުން ބޭރުވެވޭކަށް އެ ގައުމަކަށް ވެސް ނޯވެ އެވެ.

ސެމްސަންގް ސްމާޓްފޯނާ ބެހޭ އެހެން މުއާމަލާތްތަކެއް ވެސް މި ދެ ގައުމުގެ ދެމެދުގައި މީގެ ކުރިން އޮތީ ހިނގާފަ އެވެ.

ދެކުނު ކޮރެއާގައި 2018 ގައި އޮތް ވިންޓާ ގޭމްސްގައި ބައިވެރިވި އުތުރު ކޮރެއާގެ އެތުލީޓުންނަށް ސެމްސަންގް ސްމާޓްފޯން އެ ފަހަރުވެސް ދިނެވެ. ނަމަވެސް، ދެކުނު ކޮރެއާއިން ވަނީ އެ ފޯނު ހިފައިގެން އުތުރު ކޮރެއާއަށް ނުދެވޭނެކަން އެތުލީޓުންނަށް އަންގައި އަދި ފަހުން ފޯނު އަތުލާފަ އެވެ.