އެމްޑީޕީގެ ހަރުގޭގައި މި މަހުގެ ހަތަރުވަނަަ ދުވަހު ބޭއްވި ޖަލްސާ ފެށުމުގެ ގޮތުން ގުރުއާން ކިޔެވި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުވައްޒަފު ވަޒީފާއިން ވަކިކުރީ އެ ޖަލްސާގައި ބައިވެރިވީތީ ނޫން ކަމަށް އެޗްޑީީސީ އިން ބުނެފި އެވެ.
އެޗްޑީސީގައި އޮޕަރޭޝަންސް އޮފިސަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން ދިޔަ ޝާއިން އެ މަގާމުން ވަކިކުރީ ސިޔާސީ ޕާޓީއެއްގެ ޖަލްސާގައި ބައިވެރިވުމުުގެ ސަބަބުން ނޫން ކަމަށް އެޗްޑީސީން ބުނެފައި މިވަނީ އޭނާ ވަޒީފާއިން ވަކިކުރީ އެ ޖަލްސާގައި ބައިވެރިވުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ބުނަމުން ދަނިކޮށެވެ.
އެޗްޑީސީ އިން ބުނީ ޝާއިން ވަޒީފާއިން ވަކިކުރީ ސިޔާސީ ކަމެއްގައި ނޫން ކަމަށާއި އެ ފިޔަވަޅު އެޅީ ވަޒީފާއަށް ފަރުވާ ކުޑަކުރުމުން ކަމަށެވެ.
އެޗްޑީސީން ބުނީ އޭނާގެ ހާޒިރީ ދަށް ކަމަަށާއި ޖެހިޖެހިގެން އޭނާ ވަޒީފާއަށް ހާޒިރު ނުވާތާ ތިން ދުވަސް ވެއްޖެ ކަމަށެވެ.
މީގެއިތުރުން އޮފީހަށް ކާޑު ޖެހުމަށްފަހު އޮފީހުގައި މަޑުނުކުރުމާއި، އެއްގޮތަކަށްވެސް އޮފީހަށް ނައުމަކީވެސް އިންޒާރެއް ދިނުމެއްނެތި ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތަކެއް ކަމަށްވެސް އެޗްޑީސީ އިން ބުންޏެވެ.
އެޗްޑީސީ އިން އިތުރަށް ބުނީ ވަޒީފާގައި ފަރުވާކުޑަ ކުރާ ކޮންމެ މުވައްޒަފަކާ މެދުވެސް އެ އުސޫލުން ފިޔަވަޅު އަޅާނެ ކަމަށެވެ.