ދަތި ހާލުގައި އުޅޭ މީހުންނަށް ގޯތި ދިނުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާ އެ ވައުދު ނުފުއްދަން ދައްކާ ހުއްޖަތް ގަބޫލު ނުކުރާނެ ކަމަށް އެމްޑީޕީ މާފަންނު މެެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ރަޝީދު މިހެން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފޭސްގައި މާލެ ރައްޔިތުންނަށް ގޯތި ދޭނެ ބިމެއް ނެތް ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަމަށް ރައްދު ދެމުންނެވެ. އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފޭސްގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. ހުޅުމާލޭގައި ހުސްބިން އޮތް ކަމަށް ފެނުނަސް އެއީ ވަކި ޕްލޭންތަކެއް އޮތް ބިންތަކެއް ކަމަށާ އެހެން ކަމުން ފޭސް ދެއަކުން މާލެ ރައްޔިތުންނަށް ގޯތި ދޭނެ ބިމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވާ މެންބަރު ރަޝީދު ވިދާޅުވީ ދިރިނޫޅެވޭ ވަރުގެ ކުދި ބިންކޮޅުގަ އާއި ދަތި ހާލުގައި ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް އެމީހުން އިހްތިޔާރު ކުރާ އެހެން ތަނަކުން ގޯޗެއް ދިނުމަކީ އެމްޑީޕީ ޖަޒީރާ ރާއްޖެ މެނިފެސްޓޯ ގައި ހިމެނޭ ވައުދެކެއް ކަމަށެވެ. އަދި ވައުދު ނުފުއްދުމަށް ދައްކާ ހުއްޖަތެއް ގަބޫލެއް ނުކުރާނެ ކަަމަށް ވިދާޅުވިއެވެ.
މެންބަރު ރަޝީދަކީ އެމްޑީޕީން ރައްޔިތުންނަށް ވިއްކި ވައުދުތައް ފުއްދުމަށް ވަރަށް ބޮޑަށް ބާރު އަޅާ ވާހަކަ ދައްކަވާ މެންބަރެކެވެ. އަދި ސަރުކާރުން ކުރާ ގޯސް ކަންތައްތަކަށް ފާޅުގައި ފާޑު ވިދާޅުވާ މެންބަރެއްވެސް މެއެވެ. މާލޭގެ މާފަންނު މެދު ތަމްސީލް ކުރައްވާ މެންބަރަކީ މަޖިލީހުގައި އެންމެ ބޮޑަށް މާލޭގެ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާ މެންބަރުވެސް މެއެވެ.