މީކާއީލް އަހުމަދު ނަސީމް

މެންބަރުންގެ ތައުލީމީ ޝަރުތެއް ކަނޑައަޅަން ގޮވާލައިފި

މަތީ ތައުލީމުގެ ދާއިރާ ހަރުދަނާ ކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންގެ ތައުލީމީ ޝަރުތު ކަނޑައަޅައި ގާނޫނެއްގައި ހިމެނުމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް ގޮވާލައްވައިފި އެވެ.

މީކާއީލް މިއަދު މިކަމަށް ގޮވާލެއްވީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު މަތީ ތައުލީމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ ބިލްގެ ބަހުސް ގައެވެ.

މީކާއީލް ވިދާޅުވީ ރަނގަޅަށް ކިޔަވައިގެން ތިބި ކުދިން މިހާރު ވަޒީފާ އަދާކުރަންޖެހެނީ ކިޔެވި ސްކޫލެއްވެސް ނޭނގޭ ސިޔާސީ ބައެއްގެ ދަށުގައި ކަމަށްވާތީ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.

މަތީ ތައުލީމުގެ ދާއިރާ ހަރުދަނާކޮށް ޒުވާނުންނަށް ރަނގަޅު މުސްތަގުބަލަކަށް ސަރުކާރުން އެދޭނަމަ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާ މީހުންނަކީ ތައުލީމީ ވަކި ފެންވަރެއް ހުރި ބަޔަކަށް ހެދުމަށްޓަކައި ތައުލީމީ ޝަރުތެއް ކަނޑައެޅުން ކަމަށެވެ.

"ހަގީގަތުގައި މިކަމުގައި ރަނގަޅު ނިޔަތެއް އޮތް ނަމަ އެންމެ ފުރަތަމަ ކުރަންވީ ކަމަކީ މެމްބަރުކަމަށް އެޕްލައި ކުރުމުގައިވެސް ކޮންމެވެސް ކަހަލަ ކޮލިފިކޭޝަނެއް އޮންނަންވީ،" މީކާއީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުގެ ހަރަދުތައް ކުޑަކުރަމުންދާތީ ކަމަށް ބުނެ ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ ނުދައްކާ ކަމަށެވެ. އެކަމަކު ހަރަދު ކުޑަކުރަން މަސައްކަތް ކުރަމުންދާ ކަމަށް ބުނާއިރު އަދިވެސް ސިޔާސީ މަގާމުތަކަށް ބޭފުޅުން އައްޔަންކުރަމުންދާ ކަމަށް ވިދާޅުވެ މީކާއިލް ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

މަތީ ތައުލީމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ރިފާއު ހުށަހަޅުއްވާފައިވާ އިސްލާހަކީ ވެސް އަމިއްލަ ބަޔަކަށް މަންފާއެއް ހޯދައިދިނުމަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށް މީކާއިލް ތުހުމަތު ކުރެއްވި އެވެ. ނަމަވެސް ވަކި ބޭފުޅެއްގެ ނަން ވިދާޅުވެފައެއް ނުވެ އެވެ.


މަތީ ތައުލީމުގެ ގާނޫނުގައި މިހާރު އޮތް ގޮތުން ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ޝަރުތުތަކުގެ ތެރޭގައި ކޮލެޖެއްގެ ގޮތުގައި ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 20 އަހަރުވެފައިވުން ހިމެނެ އެވެ. ނުވަތަ ރާއްޖެއިން ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވުން އަދި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުވެފައިވުމާއި މިނިސްޓްރީން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ ޔުނިވާސިޓީއެއް ހިންގުމަށް އެކަށީގެންވާ ވަސީލަތްތައް ގާއިމުކުރެވިފައިވުން ހިމެނެ އެވެ.

ގާނޫނަށް ރިފާއު ހުށަހެޅި އިސްލާހުގައި ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވުމުގެ ޝަރުތުތަކުގެ ތެރޭގައި އެ މަރުކަޒަކީ ރާއްޖޭގައި ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަތާ މަދުވެގެން 15 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުން ހިމެނެ އެވެ. ނުވަތަ ބޭރު ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ބޭރު ގައުމެއްގެ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓަރީވެ ހިންގަމުން އަންނަތާ 10 އަހަރުވެފައިވާ މަރުކަޒެއް ކަމުގައިވުމާއެކު ކޮލެޖެއް ޔުނިވާސިޓީއަކަށް ބަދަލުކުރުމަށް އެދޭއިރު ފުރިހަމަވާންޖެހޭ ޝަރުތުތަކެއް ވަނީ ކަނޑައަޅާފަ އެވެ.