ބިދޭސީން

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް ހުއްޓުވައިފި

ނަކަލުކޮށްފައިވާ ނުވަތަ ކައުންޓާފީޓް ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފި އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ ނަކަލުކޮށްފައިވާ ސްޓޭމްޕްތަކެއް ޖަހާފައިވާ ޕާސްޕޯޓު ބޭނުންކޮށް، އޮޅުވާލައިގެން ވެލާނާ އިންޓަނޭޝަލް އެއާޕޯޓް (ވީއައިއޭ) އިން މިމަހުގެ ތިންވަނަ ދުވަހު ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވީ ހަތަރު ބިދޭސީން ކަމަށެވެ.

މި މީހުންނަކީ ކޮން ގައުމެއްގެ ބައެއް ކަމެއް އިމިގްރޭޝަނުން ނުބުނެ އެވެ. ނަމަވެސް މި މީހުންގެ ލޯ ނޭނގޭ ގޮތް ހެދުމަށްފަހު ޕާސްޕޯޓް ސައިޒުގެ ފޮޓޯތަކެއް އިމިގްރޭޝަނުން އާންމުކުރި އެވެ.

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަނުން ހުއްޓުވާފައި މިވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން މާލެ ސަރަހައްދުގައި ވަރުގަދަ އޮޕަރޭޝަންތަކެއް ފަށާފައި ވަނިކޮށެވެ.