ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ސިއްރުކޮށްފައި އޮތް ސިޓީއެއް މާލިއްޔަތު ކޮމިޓީން ހާމަކޮށްފި އެވެ.
ޖުޑިޝަރީ ކޮމިޓީން ސިއްރުކޮށްފައި އޮތް ސިޓީއަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްއާ ގުޅޭ ގޮތުން އަމިއްލަ މީހަކު މައްސަލައެއްގެ ގޮތުގައި ކޮމިޓީއަށް ހުށަހަޅާފައިވާ ސިޓީ އެކެވެ.
މިމައްސަލަ ބެލުމަށް ޖުޑިޝަރީ ކޮމިޓީން މިދިޔަ ހަފްތާ ބޭއްވި ބައްދަލުވުން ފެށުމާ އެކު ކޮމިޓީގެ މެންބަރަކު ހުށަހެޅީ އެ މައްސަލަ ބެލުމަށް ކޮމިޓީގެ ބައްދަލުވުން ސިއްރުކުރުމަށާއި މައްސަލަ ހުށަހެޅި ފަރާތުގެ ވަނަވަރު ސިއްރުކުރުމަށެވެ. އެހެންވެ އެ ދުވަހުގެ ބައްދަލުވުން ކޮމިޓީން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.
އެކަމަކު މާލިއްޔަތު ކޮމިޓީގެ މުގައްރިރު ގާސިމް އިބްރާހީމް ވަނީ ޖުޑިޝަރީ ކޮމިޓީއަށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީ އާންމުކޮށް ހުޅުވާލައިގެން މިއަދު ކުރިއަށް ގެންދިޔަ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އިއްވާފަ އެވެ.
ސިޓީ އިއްވެވިއިރު ގާސިމް ވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ވަނަވަރު ހާމަކުރައްވާފަ އެވެ.
ގާސިމް އިއްވެވި ސިޓީގައިވާ ގޮތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ބައެއް މެންބަރުން ގެންދަވަނީ މަގާމު ނުފޫޒު ބޭނުންކުރައްވައިގެން ބަޖެޓުގައި ނެތް ހަރަދުތައް ކުރަމުންނެވެ. އަދި އެތަނުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހިންގަމުންދާ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.
ގާސިމް ސިޓީ އިއްވަވާ ނިންމެވުން މާލިއްޔަތު ކޮމިޓީގައި ތިއްބެވި އިދާރީ މުވައްޒަފުން ވަނީ އެ ސިޓީގައިވާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ބަލަމުންދާ ކަމަށް ގާސިމްގެ ސަމާލުކަމަށް ގެންނަވާފަ އެވެ. އެހެންވެ މާލިއްޔަތު ކޮމިޓީން ވަނީ އެ ސިޓީއާ މެދު އެ ކޮމިޓީން ވަކި ގޮތެއް ނިންމަން ނުޖެހޭ ކަމަށް ކަނޑައަޅާފަ އެވެ.