ދުނިޔެ

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފިކޯ އަލުން އޮފީހަށް

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބާޓް ފިކޯ އަވަހާރަކޮށްލަން މެއި 15 ގައި މީހަކު ބަޑިން ދިން ހަމަލާއަށްފަހު އަންގާރަ ދުވަހު ރަސްމީ މަަސައްކަތަށް، އޮފީހަށް ނުކުމެވަޑައިގެންފި އެވެ.

ފިކޯ 59، ގެ ކޮނޑަށާއި މެއަށް އަދި ދަށްބަނޑަށް އެރި އުންޑަތައް ނެގުމަށް ކުރި ދިގު ދެ އޮޕަރޭޝަނަށްފަހު ދެމަސް ދުވަސް ވަންދެން ވަނީ ފަރުވާ ދީފަ އެވެ.

ޑޮކްޓަރުންނާ ހަވަލާދީ ހަބަރުތައް ބުނާ ގޮތުން އޭނާގެ ގަޔަށް ހަތަރު އުންޑައެއް ވަނީ އަރާފަ އެވެ. އޭނާއަށް ހަމަލާދީފައިވަނީ ކެބިނެޓްގެ ބައްދަލުވުމަކަށްފަހު ބޭރަށް ނުކުމެވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވާ ސަލާމުކުރައްވަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިކޯ އަކީ ރަޝިއާއަށް ވަރަށް ތާއީދުކުރައްވާ ލީޑަރެކެވެ. އޭނާ އަވަހާރަކޮށްލަން ދިން މި ހަމަލާ އަކީ ނޭޓޯ ގައުމުތަކުގެ ރޭވުމެއް ކަމަށް ބުނެވެ އެވެ.

ފިކޯއަށް ދިން ހަމަލާ އަކީ ސިޔާސީ ގޮތުން އޭނާގެ ފިކުރު ނައްތާލުމަށް ބަޔަކު ރާވައިގެން ދިން ހަމަލާއެއް ކަމަށްވެސް ބުނެވެ އެވެ. އޭނާއާ ދެކޮޅަށް ބަޔަކު މިފަދަ ހަމަލާއެއް ރާވަމުން ގެންދާތާ ދުވަސްތަކެއް ވެދާނެ ކަމަށް ސިޔާސީ މަސްރަހު ދަންނަ މީހުން ބުނެ އެވެ.

ރަޝިއާ ސިފައިން ޔުކްރޭނަށް ދެމުންދާ ހަމަލާތަކުގައި ފީކޯގެ ވިސްނުމަކީ މަޝްވަރާކޮށްގެން ހަނގުރާމަ ހުއްޓުވުމެވެ. ހުޅަނގުގެ ގިނަ ގައުމުތައް އެދޭ ގޮތަށް ޔުކްރޭނަށް ހަތިޔާރު ދީގެން ހަނގުރާމަކުރުވުމެއް ނޫނެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްތަރު އޯބަން އާއި ރޮބާޓް ފީކޯ އަކީ ދާދި އެއް ވިސްނުމެއްގެ ދެ ލީޑަރުންނެވެ. މި ދެ ލީޑަރުން ރަޝިއާއަށް ކުރައްވާ ތާއީދާ ހެދި އޮތް ނުރައްކާ ވަރަށް ބޮޑު ކަމަށް ހަބަރުތައް ބުނެ އެވެ.

ފީކޯ އޮފީހަށް ނުކުމެ ވަޑައިގެން ފޭސްބުކްގައި މެސެޖެއް ލިޔުއްވައި ވިދާޅުވެފައިވަނީ ބަޑީގެ ހަމަލާތަކުން ސަލާމަތްވެވުނީތީ މައާފަށް އެދޭ ކަމަށެވެ. ނަމަވެސް މިއަދު މި ހުންނެވީ ރަސްމީ މަސައްކަތުގައި އޮފީހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ސްލޮވާކިއާގެ ރައީސް ޕީޓަރު ޕެލެގްރިނީގެ ސަރުކާރުގައި ވެސް ބޮޑުވަޒީރުގެ މަގާމުގައި ހުންނަވާނީ ފިކޯ އެވެ. މިއީ ވަރަށް އަރިސް ދެ ބޭފުޅުންނެވެ.

ޕީޓަރު ޕެލެގްރިނީ ރައީސްކަމާ ހަވާލުވެ ވަޑައިގަތީ ޖޫން 15، 2024 ގައެވެ. އޭގެ ކުރިން ރައީސްގެ މަގާމުގައި ހުންނެވީ ޒުޒާނާ ޗަޕްތޯވާ އެވެ. ބޮޑުވަޒީރަކީ ހަމަ ރޮބާޓް ފީކޯ އެވެ.