ދުނިޔެ

ޔުކްރޭނަށް ޖެޓް ފައިޓަރު ފޮނުވުމަކުން ވާނެ މޮޅެއް ނެތް: ރަޝިއާ

ޔޫރަޕް ގައުމުތަކުން ޔުކްރޭނަށް ޖެޓް ފައިޓަރު ފޮނުވުނުވުމަކުން ޔުކްރޭނަށް ވާނެ އެއްވެސް ފައިދާއެއް ނެތް ކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ. އިތުރު ބަޔަކު މަރުވެ ޔުކްރޭނަށް ބޮޑެތި ގެއްލުންތަކެއް ވުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ޔުކްރޭނަށް ފައިޓަރު ޖެޓް ފޮނުވަން އަންބާކިޔާ ގައުމުތަކުގެ ތެރޭގައި ޕޮލޭންޑާއި ސްލޮވޭކިއާ ހިމެނެ އެވެ. ސްލޮވޭކިޔާއިން -- މިގް29 މަރުކާޣެ 13 ޖެޓް ފޮނުވާނެ ކަމަށް ބުނެފައި ވާއިރު އެކަށީގެންވާ އަދަދަކަށް ޕޮލޭންޑުން ވެސް ޖެޓްތައް ފޮނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ރަޝިއާ ބަލިކުރުމަށް ޔުކްރޭނަށް ބާރުގަދަ ހަތިޔާރު ފޮނުވުމަކުން އަދާ ހަމައަށް ވެސް ޔުކްރޭނަށް ވަކި މޮލެއް، ކުރިއެރުމެއް ނުހޯދެ އެވެ. ފައިޓަރު ޖެޓްތަކެއް ލިބިއްޖެ ނަމަ ނަތީޖާ ނެރެވޭނެ ކަމަށް ޔުކްރޭނުން ބުނި ނަމަވެސް، ޒަމާނީ ފައިޓަރު ޖެޓުތައް ދުއްވަން ދަންނަ ޕައިލެޓުން ޔުކްރޭނުގައި ނެތެވެ.

އެހެންކަމުން، ޔުކްރޭނަށް ފައިޓަރު ޖެޓު ފޮނުވުމުގެ އެދުންވެރިކަމުގައި ތިބި ގައުމުތަކަށް އޮތީ ސޯވިއެޓް ޒަމާނުގައި ރަޝިއާގައި އުފައްދާފައި ހުރި މިގް29 މަރުކާގެ ޖެޓްތައް ފޮނުވުމެވެ. މި މަރުކާގެ ޖެޓްތައް ދުއްވަން ޔުކްރޭންގެ ޕައިލެޓުން ދަނެ އެވެ.

ޔުކްރޭނަށް ފައިޓަރު ޖެޓް ފޮނުވުމާ ބެހޭ ގޮތުން ރަޝިއާ ބުނަނީ އަމާޒަށް ބިމަށް ހަމަލާދިނުމަށް ވުރެ ޖެޓްތަކަށް ހަމަލާދިނުން ފަސޭހަ ކަމަށެވެ. އަދި ރަޝިއާއަށް ހަމަލަދިނުމުގެ ވިސްނުމުގައި އުދުހިގަންނަ ކޮންމެ ޗެޓެއް، ވައިގެ ތެރޭގައި އޮއްވައި އަންދާލާނެ ކަމަށެވެ.