އެޗްއާރްސީއެމް

އަންހެނުން ބާރުވެރި ކުރަން ހަރުދަނާ ސިޔާސަތުތައް ގާއިމްކުރަން ޖެހޭ: އެޗްއާރްސީއެމް

އަންހެނުން ބާރުވެރި ކުރަން ޓެކްނޮލަޖީ އާއި ހާއްސަކޮށް އިންފޮމޭޝަން ޓެކްނޮލަޖީގެ ވަސީލަތްތައް ބޭނުން ކުރުމަށާއި، ހަމަހަމަ މުޖުތަމައެއް ގާއިމުކުރުމަށް ހުރިހާ ފަންތިއެއްގައި ގާނޫނުތައް ތަންފީޒުކުރުމަށާ ސިޔާސަތުތައް ގާއިމުކުރަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން އެހެން ބުނީ ބައިނަލް އަގްވާމީ އަންހެނުންގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގަ އެވެ. އެބަޔާނުގައި އަންހެނުންނަށް ބިމާއި ތަރިކަ އަދި އިޖުތިމާއީ ވަސީލަތްތަކުގެ މަންފާ ލިބޭނެގޮތަށް ޤާނޫނުތައް ބައްޓަންކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ބަޔާނުގައި ރާއްޖޭގައިވެސް އަންހެނުނަށް ތަފާތު ގޮންޖެހުންތަކާ ކުރިމަތި ލާންޖެހިފައިވާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން ގައުމު ހިންގުމުގެ ކަންކަމުގައި އަންހެނުން އިސްނަގާ މިންވަރު އޮތީ އެދެވޭ ވަރަށްވުރެ ދަށްކޮށް ކަމަށާއި ސިޔާސީ މައިދާނަށް ބަލާއިރު އަންހެނުންގެ ދައުރު ކުޑަކަން ފާހަގަ ކުރެވޭ ކަމަށް ބުނެފައިވެ އެވެ.

އަދި އަންހެނުންގެ ނަފްސު ކުރިއެރުވުމަށާއި، ދައުރު ފުޅާކުރަން ބޭނުންވާ ޒަރޫރީ ފުރުސަތުތަކުން އެމީހުން އެކަހެރިވެގެން ދާހާ ހިނދަކު އަންހެނުން މުޖުތަމައުގައި ނިކަމެތިވެ އެކަހެރިވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް ވެސް ބުނެފައި ވެއެވެ.

އަންހެނުންނަށް ލިބޭ އަނިޔާ، ޙާއްސަކޮށް ގެވެށި އަނިޔާގެ އަސަރު ކުރަނީ ހަމައެކަނި އަނިޔާ ލިބޭ މީހާއަށް އެކަނި ނޫން ކަމަށާއި އަނިޔާގެ ވޭނާއި ބިރުވެރިކަން ކުޑަކުދިންނާއި، އާއިލާއަށާއި މުޅި މުޖުތަމައު ތަހައްމަލު ކުރަންޖެހޭ ކަން ފާހަގަކޮށް ވޭތުވެދިޔަ އަހަރު އެފަދަ އަނިޔާތަކުގެ ޝިކާރައަކަށްވެ، ތުއްތު ކުދިންނާ އަންހެނުންގެ ފުރާނަ ގެއްލިފައިވާ ކަމަށާއި އެފަދަ ލާއިންސާނީ އަމަލުތައް ހިންގާ ސަބަބުތައް ދެނެގަނެ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ބަޔާން ބުނެ އެވެ.