ދިވެހިރާއްޖޭގެ ޒަކާތު ހައުސް

ޒަކާތުން ފަންޑުން މިދިޔަ މަހު 107 މީހަކަށް އެހީވެއްޖެ

ޒަކާތުން ފަންޑުން މިދިޔަ މަހު 107 މީހަކަށް އެހީވެއްޖެ އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު އެހީގެ ގޮތުގައި ދިނުމަށް މިދިޔަ މަހަށް ކަނޑައަޅާފައި އޮތީ 870،957.53 ރުފިޔާ އެވެ.

އެކަމަކު އެހީގެ ގޮތުގައި މިދިޔަ މަހު 1،044،989.10 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ހައުސްގެ ޖޫން މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މެއި މަސް ފަދައިން ޖޫން މަހުވެސް އެންމެ ބޮޑު ހޭދައެއް ކުރީ ކެންސަރު ބައްޔަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ. އެގޮތުން ކެންސަރު ބަލީގެ މީހުންނަށް އެހީގެ ގޮތުގައި 262،911.00 ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

ދެވަނައަށް އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ. އެއީ 124،580.53 ރުފިޔާ އެވެ.

ޒަކާތު ފަންޑުން މިދިޔަ ޖޫން މަހު ތިންވަނައަށް އެންމެ ގިނައިން ހަރަދުކުރީ ކިޑްނީއާ ގުޅޭ ތަފާތު ބަލިތައް ތަހައްމަލް ކުރާ މީހުންނަށެވެ. އެއީ 97،531.50 ރުފިޔާ އެވެ.

މީގެއިތުރުން ހިތުގެ އޮޕަރޭޝަންތަކެއް ކުރުމަށް 38،164 ރުފިޔާ، ޓްރާންސްޕްލާންޓް ކުރުމަށް 25،433 ރުފިޔާ އަދި އަދި އެހެނިހެން ބަލިތަކަށް 322،372.50 ރުފިޔާވެސް މިދިޔަ ޖޫން މަހު ޒަކާތު ފަންޑުން ހަރަދުކޮށްފައިވެ އެވެ.

ޒަކާތު ފަންޑަކީ ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ވަކި ހާއްސަ އިންތިޒާމުތަކެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ.