ރާއްޖެ ކުޅިވަރު

މޮޅުވާން ބޭނުން. އަޑުބަރޭ އަށް ދޭނީ އެއް ޕަސެންޓް: ސުޒޭން

Mar 8, 2016

އޭއެފްސީ ކަޕުގައި މާދަމާ މިޔަންމާގެ ޔަންގޮން ޔުނައިޓެޑް އަތުން މޮޅުވާން ބޭނުން ކަމަށާއި ނަމަވެސް މުހިންމު ކުޅުންތެރިޔާ އަސްއަދު އަލީ (އަޑުބަރޭ) އަށް ދޭނީ އެއް ޕަސެންޓް ކަމަށް މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

"މާޒިޔާ އަށް މި ދަނޑުގައި އޮތް ތިން މެޗު ވެސް ކާމިޔާބު ކުރަން ޖެހިފައި މިވަނީ. އެކަމަށް މީޑޔާ އާއި އެންމެހާ މީހުންގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރަން. މި ދަނޑުގައި ކޮންމެ ޓީމަށް ކުޅުނަސް އިދިކޮޅު ޓީމަށް މޮޅުވުން އެއީ ފަސޭހަކެއްނޫން،" ސުޒޭން ބުންޏެވެ.

މި މެޗުގައި އަޑުބަރޭ ކުޅޭނެކަމަށް ދޭނީ އެއް ޕަސެންޓް ކަމަށް ސުޒޭން ބުނީ އަޑުބަރޭ ޖަލުގައި 15 ދުވަސް އޮތުމުން ގިނަ ޕްރެކްޓިސްތަކެއް ގެއްލިފައިވާތީ ކަމަށެވެ.

"އޭނާ 15 ވަރަކަށް ދުވަހު ކުޑަ ގޮޅިއެއްގައި އޮވެފައި އައިސް ޕްރެކްޓިސް ކޮށްލީމަ އެ ވަރުބަލިކަމާ ކަންތައްތައް އެބަފެނޭ. އެކަމަކު އަޑުބަރޭ އަކީ ވަރަށް ހިތްވަރުކުރާ ކުޅުންތެރިއެއްވީމަ އެކަން ބޭރަށް ނުފެނިދާނެ. އެކަމަކު މިވަރުގެ މެޗަށް އޭނާގެ ފިޓްވާން ކަމެއް ނުދެކެން. އަޅުގަނޑަކަށް އެކަމެއް ނުވެސް ކުރެވޭނެ. ފަހަރުގައި ކުރެވޭނެ މީހުން ތިބެދާނެ،" ސުޒޭން ބުންޏެވެ.

މި މެޗުގައި ކެޕްޓަން އަސަދުﷲ އަބުދުﷲ އާއި މުހައްމަދު އުމޭރު ވެސް އަނިޔާގެ ސަބަބުން ނުކުޅޭނެ އެވެ. ނަމަވެސް ސުޒޭން ބުނީ މާޒިޔާގެ ސްކޮޑުގައި އެކުޅުންތެރިންގެ މަގާމުތަކަށް ރަނގަޅަށް ކުޅޭނެ ކުޅުންތެރިން އެބަތިބި ކަމަށެވެ.