އުރީދޫ

ބަނޑޭރި ޕޭ އިން އެމް-ފައިސާ މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ

ސަރުކާރުގެ އެކި ހިދުމަތްތަކަށް ފައިސާ ދެއްކުމަށް ބޭނުންކުރާ ޕޯޓަލް ބަނޑޭރި ޕޭ ގެ ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސްގެ ޑިޖިޓަލް ވޮލެޓް -- އެމް-ފައިސާ ބޭނުންކުރަން ފަށައިފި އެވެ.

އުރީދޫ މޯލްޑިވްސް އިން ބުނި ގޮތުގައި މިއީ ފައިސާގެ މުއާމަލާތްތައް ޑިޖިޓައިޒްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކަން އިތުރުވެ، ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.

ބަނޑޭރި ޕޭ އަށް އެމް-ފައިސާ ހިމެނުމާއެކު، ސަރުކާރުގެ ހިދުމަތްތަކަށް ބޭނުންވާ ފައިސާގެ މުއާމަލާތްތައް ކުރިއަށް ގެންދިއުމުގައި މެދުކެނޑުމެއް ނެތި، ރައްކާތެރި އަދި ހަރުދަނާ ގޮތްތަކެއް ކަސްޓަމަރުންނަށް ތަޖުރިބާ ކުރެވޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އެ ގޮތުން ލައިސަންސް ފީ އާއި ސަރުކާރާ ގުޅުންހުރި އެހެނިހެން ފީ އެމް-ފައިސާ މެދުވެރިކޮށް މޮބައިލް ޑިވައިސްއެއްގެ އެހީގައި އުނދަގުލެއް ނެތި ދެއްކޭނެކަން އުރީދޫން ފާހަގަކުރެ އެވެ.

ބަނޑޭރި ޕޭ ގެ ޕޭމަންޓް އޮޕްޝަނެއްގެ ގޮތުގައި އެމް-ފައިސާ ބޭނުންކުރަން ފެށުމާއި ގުޅޭ ގޮތުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ޚަމާދީ ވިދާޅުވީ އެމް-ފައިސާ ބަނޑޭރި ޕޭ އަށް ގެނައުމަށް ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

މިއީ ކަސްޓަމަރުންގެ ދިރިއުޅުން ކުރިއެރުވުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް ކުރާ މަސައްކަތުގެ ހެއްކެތް ކަމަށާއި އެމް-ފައިސާއާ އެކު، ޑިޖިޓަލް ޕޭމަންޓްތައް އިތުރަށް ފަސޭހަކޮށް ދިނުމުގެ އިތުރުން ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް ކުރެވޭ މަސައްކަތް ފުޅާކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމް-ފައިސާ ފަރުމާކޮށްފައިވަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ވިސްނައިގެން، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ގިނަ ފީޗާތަކެއް ހިމަނައިގެންނެވެ.

އެމް-ފައިސާ މެދުވެރިކޮށް އަވަސް އަދި ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ އެވެ. މި ގޮތުން ފިޒިކަލް ކޭޝް ނުވަތަ ދިގު ޕްރޮސެސްތަކެއް ބޭނުން ނުކޮށް ސަރުކާރުގެ ހިދުމަތްތަކަށް ވަގުތުން ފައިސާ ދެއްކޭނެ އެވެ.

މީގެ އިތުރުން އެމް-ފައިސާއަކީ އެ ހިދުމަތް ބޭނުންކުރާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ސެކިއުރިޓީ ރަނގަޅު ހިދުމަތެއްކަން އުރީދޫން ފާހަގަކުރެ އެވެ.

އުރީދޫ މޯލްޑިވްސް އިން މަސައްކަތް ކުރަމުން ދަނީ ޑިޖިޓަލް ހިދުމަތްތައް އީޖާދުކޮށް ފުޅާކުރަމުންނެވެ. އަދި ރާއްޖޭގެ ޑިޖިޓަލް ލޭންޑްސްކޭޕްގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްގެ ދައުރު އިތުރަށް ހަރުދަނާކުރަމުންނެވެ.

ބަނޑޭރި ޕޭ ގައި އެމް-ފައިސާ ބޭނުންކުރަން ފެށުމުން ޑިޖިޓަލް މޯލްޑިވްސް އެއް ބިނާކުރުމަށް އުރީދޫ އިން ކުރާ މަސައްކަތުގައި އިތުރު ކުރިއެރުން ލިބިގެންދާނެ އެވެ.