އެސްޓީއޯ

އެސްޓީއޯގެ ހިއްސާ އަކަށް 80 ރުފިޔާ ބަހަން ފާސްކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 80 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މިރޭ ފާސްކޮށްފި އެވެ.

މިއީ އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވެސް މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހު ބެހުމަށް ނިންމާފައިވާ އަދަދެވެ. އެސްޓީއޯ އިން 2022 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބަހާފައިވަނީ ހިއްސާ އަކަށް 77 ރުފިޔާ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ޓާމިނަލުގެ ނީރި ލައުންޖުގައި ބޭއްވި ޖަލްސާގައި ޙިއްސާއަކަށް 80 ރުފިޔާ ބެހުމަށް ފާސްވީ ޖަލްސާގައި ބައިވެރިވި މީހުންގެ 99 ޕަސެންޓު ވޯޓުންނެވެ. މިޖަލްސާގައި އެސްޓީއޯގެ 189 ހިއްސާދާރަކު ބައިވެރިވި އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2022 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބުނު 18.2 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10 ޕަސެންޓް ދަށްވުމެކެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު ދަށްވި މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވުމާއެކު އެސްޓީއޯއިން ވިއްކަމުންދިޔަ ތެލުގެ އަގުވެސް ދަށްކުރަން ޖެހުން ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެހެންނަމަވެސް ފާއިތުވި އަހަރު އެސްޓީއޯ އިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވުމާއިއެކު އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރާ ރަނގަޅުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ ތިން ބިލިއަން ރުފިޔާ ލިބިފަ އެވެ.

އެސްޓީއޯގެ ޖުމްލަ ފައިދާ އިތުރުވުމާއެކު ހިންގުމުގެ ފައިދާވެސް މިދިޔަ އަހަރު ވަނީ އިތުރުވެފަ އެވެ. މިދިޔަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ އެސްޓީއޯ އިން ހާސިލުކޮށްފައިވެ އެވެ. 2022 ވަނަ އަހަރު ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ އެއް ބިލިއަން ރުފިޔާ އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އަކީ 819 މިލިއަން ރުފިޔާ އެވެ. މިއީ 2022 ވަނަ އަހަރު ލިބުނު ސާފު ފައިދާއާ އަޅާބަލާއިރު 10 ޕަސެންޓު އިތުރު އަދަދެކެވެ.