ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން 2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓު ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގު ސޮއިކުރައްވާ ނެރުއްވި ބަޖެޓާބެހޭ ސާކިއުލާގައި ވަނީ ކައުންސިލްތަކުން 2025 އިން 2027 އަށް ލަފާކުރާ މެދުރާސްތާ ބަޖެޓު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެ މިނިސްޓްރީއަށް ހުށަހެޅުމަށް އަންގާފަ އެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ ހަތަރު ވަނަ ބާބުގެ ދަށުން ފިނޭންސް މިނިސްޓަރު ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ ދެ މަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. މީގެ އިތުރުން ކައުންސިލްތަކަށް ދޭ ހިލޭ އެހީ ކަނޑައެޅުމާއި ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރުމާއި ބަޖެޓު ތަންފީޒުކުރުމުގައި އަމަލުކުރާނެ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލްތަކުން މެދުރާސްތާ ބަޖެޓު ތައްޔާރުކޮށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި އުސޫލުގައިވާ ގޮތުގެ މަތިން ކައުންސިލްތަކުގެ ބަޖެޓުގެ މައުލޫމާތު އެ މިނިސްޓްރީން ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މަރުހަލާގައި ހިއްސާކުރުމަށް ގަސްތުކުރާ ކަމަށެވެ.
ބަޖެޓާގުޅޭ މައުލޫމާތުތައް ހިއްސާކުރާނީ ސާކިއުލާގައި ކަނޑައަޅާފައިވާ ފޯމެޓުތަކާ އެއްގޮތަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ކައުންސިލްތަކުގެ ބަޖެޓު ތައްޔާރުކުރާއިރު ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޓްގެ ގޮތުގައި ދޭ ހިލޭ އެހީ އާއި ކައުންސިލްތަކުގެ ޓްރަސްޓް ފަންޑް އަދި ކައުންސިލްތަކަށް ލިބޭ އިތުރު އާމްދަނީ އެނގެން އޮންނަންވާނެ ކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލްތަކަށް ދައުލަތުން ބްލޮކް ގްރާންޓުގެ ގޮތުގައި ދޭ ހިލޭ އެހީގެ ބަޖެޓު ތައްޔާރުކުރަންޖެހޭނީ މި އަހަރުގެ މެދުރާސްތާގެ ބަޖެޓާއި 2025 ވަނަ އަހަރުގެ ފިސްކަލް ސްޓްރެޓެޖީގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ލަފާކޮށްފައިވާ އަދަދުތަކަށްވުރެ އިތުރުނުވާނެ ގޮތަށެވެ.