މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގު މައްސަލައެއްގައި ތިން މީހަކު ހޯދަނީ

ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ތިން މީހަކު ހާޒިރުކުރަން ހޯދަން އިއުލާނުކޮށްފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގަށް އެ މީހުން ހާޒިރުކުރަން ބޭނުންވެ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.

އެހެންކަމުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި ވަނީ އިއުލާނުކޮށްފަ އެވެ.

މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް އަންގައި އިއުލާނުކޮށްފައިވަނީ އީސާ ވަސީމް، ކ.ކާށިދޫ / ރިވެލި (37އ) އާއި މުހައްމަދު އިސްމާއީލް، ކ. ތުލުސްދޫ / ބްލޫވޭވް (48އ) ގެ އިތުރުން އަހުމަދު ހޫދު، ސ. ހިތަދޫ / ސްޕަންޖްގެ (26އ) އަށެވެ.

މި މީހުން މިމަހުގެ 21 ވަނަ ދުވަހުގެ 12:00 އަށް ފުލުހުންގެ އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް އަށް ނުވަތަ އެންމެ ކައިރީގައިވާ ފުލުހުންގެ ސްޓޭޝަނަކަށް ހާޒިރުވުމަށް ވަނީ އަންގާފަ އެވެ.