ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރު ކަމަށް އިސްމާއީލް ހަބީބް އަބްދުއްރަހީމް އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު ހުށަހަޅުއްވައިފި އެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކަށް ރައީސް އޮފީހުން އެ ފުރުސަތު ހުޅުވާލީ މިދިޔަ ޖޫން ހަވަނަ ދުވަހު އެވެ. ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިދިޔަ ޖޫން 30 ވަނަ ދުވަހު އެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ހުޅުވާލީ އެ ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަންގެ މެންބަރު ކަމަށް ހަބީބް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މިއަދު ވަނީ މަޖިލީހުގެ ތަޅުމުގައި އިއްވާފަ އެވެ.
ހަބީބްގެ ނަން މަޖިލީހަށް ހުށަހެޅުމާ ގުޅިގެން އޭނާގެ ނަން ދިރާސާކުރުމުގެ މައްސަލަ ފޮނުވާފައިވަނީ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީ އަށެވެ.
ހަބީބަކީ އިލެކްޝަންސް ކޮމިޝަން (އީސީ)ގައި 21 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެ މުއްދަތުގެ ތެރޭގައި ހަބީބް ވަނީ އީސީގެ މެންބަރުކަމާއި އީސީގެ ނައިބް ރައީސް ކަންވެސް ކުރައްވާފަ އެވެ. ހަބީބް އީސީ އިން ވަކިވެވަޑައިގަތީ މިދިޔަ މާޗް 13 ވަނަ ދުވަހު އެވެ.
އެޗްއާރްސީއެމްގައި މިހާރު ތިއްބެވި ހަތަރު މެންބަރުންނަކީ ކޮމިޝަންގެ ރައީސް މަރިޔަމް މުނާ އާއި، ކޮމިޝަންގެ މެންބަރުން ކަަމަށްވާ މުއުމިނާ ވަހީދު އާއި، އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.