ފެނަކަ ކޯޕްރޭޝަން

ފެނަކައަށް ގެއްލުންވާ ގޮތަށް ހުރި އެއްވެސް މަޝްރޫއެއް ނުފަށާނަން: މުއާޒް

ފެނަކަ ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް އެމްޑީޕީގެ ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް ރަޝީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުއާޒު ވިދާޅުވީ ފެނަކައަށް ގެއްލުންވާ ގޮތަށް އެމްޑީޕީ ސަރުކާރުން ފަށާފައި ހުރި އެއްވެސް މަޝްރޫއެއް ކުރިއަށް ނުގެންދާނެ ކަމަށާއި ކަމާ ގުޅޭ އިދާރާތަކަށްވެސް އެކަން އަންގާފައިވާނެ ކަމަށެވެ. މިގޮތުން ނުއަގުގައި އެ ކުންފުނި މެދުވެރިކޮށް އަޅަން ހަވާލުކޮށްފައިވާ 48 އޭޓީއެމްގެ މަސައްކަތާއި ފިޝަރީޒް މިނިސްޓްރީން އަޅަން ހަވާލުކޮށްފައިވާ ނުވަ އައިސްޕްލާންޓްވެސް ނުފަށާނެ މަޝްރޫއުތަކުގެ ތެރޭގައި މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވި އެވެ.

މުއާޒު ވިދާޅުވީ ނުފަށަން ނިންމި މަޝްރޫއުތަކުގެ އެއްބަސްވުން ބާތިލްކުރަންވެސް ކަމާ ގުޅޭ އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ އެގޮތުން ފިޝަރީޒް އަދި އިކޮނިމިކް މިނިސްޓްރީއަށް އެންގުންތަކެއް އަންގާފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"އަަޅުގަނޑުމެން މިއީ ކޮންސްޓްރަކްޝަން ކުންފުންޏެއް ނޫނޭ ކޮންމެ މަޝްރޫއެއް މިހެން ފަށަން،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފެނަކައިގެ އޮޑިޓް ރިޕޯޓްތަކުގައި އެ ކުންފުނީގެ ދަރަނި ކަމަށް ބުނާ 4.3 ބިލިއަން ރުފިޔާއަށް ވުރެ ފެނަކައިގެ އަސްލު ދަރަނި މާބޮޑު ކަމަށެވެ. ޕީއެންސީ އިން ވެރިކަމަށް އައިސް ފެނަކައިގެ ހާލަތު ބެލިއިރު މަސައްކަތަށް ނުދައްކާ ހުރި ބިލްތައް ފުނިޖެހިފައި ހުރި ކަމަށާއި ފާއިތުވެ ދިޔަ ތިން އަހަރު ހަވާލުކުރި މަސައްކަތުގެ އެއްވެސް ރިކޯޑެއްވެސް ކުންފުނީގެ ފޮތެއްގައި ރެކޯޑްކޮށްފައިވެސް ނެތް ކަމަށް ވިދާޅުވި އެވެ.

މުއާޒު އިތުރަށް ވިދާޅުވީ އެކި މަސައްކަތްތަކަށް އެކު ކުންފުނިތަކުން ކުރުވާފައި ނުދައްކާ ހުރި 1.7 ބިލިއަން ރުފިޔާގެ ތެރެއިން 300 މިލިއަން ރުފިޔާ މިވެރިކަމުގައި ފާއިތުވި ހަތް މަސް ތެރޭގައި ދައްކާ ނިންމާފައިވާ ކަމަށެވެ.