ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ވީއައިއޭގައި އިތުރު ދެ ޗެކްޕޯސްޓް

މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އިތުރު ދެ ޗެކްޕޯސްޓް ގާއިމުކޮށްފި އެވެ.

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވީ މި ޗެކްޕޯސްޓްތަކަކީ ޒަމާނީ ފެންވަރުގެ ޗެކްޕޯސްޓުތަކެއް ކަމަށެވެ. އަދި އޭގެ ސަބަބުން އެއާޕޯޓަކީ އިތުރަށް ރައްކާތެރި ތަނަކަށްވެ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ލިބޭ ފުރުސަތަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"ކަސްޓަމްސްއަށް ނުގަވާއިދުން މަސްތުވާތަކެތި އެތެރެވުމަށް ހުޅުވިފައި ހުރި ދަތުރުތައް ބަންދުކުރުމަށް ފުރުސަތު ބޮޑުވާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޗެކްޕޯސްޓުގައި ހުރި މެޝިންތަކުން ނުގަވައިދުން އެތެރެކުރާ ތަކެތި ޑިޓެކްޓް ކުރާނެ ކަމަށެވެ. އަދި ވައިގެ މަގުން ދަތުރުކޮށްފައި އަންނަ މީހުންނާއި ކަނޑު މަގުން ދަތުރުކޮށްފައި އަންނަ މީހުންވެސް މި މެޝިންތަކުން ރަނގަޅަށް ޗެކް ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މިމެޝިންތަކާ އެކު އެއާޕޯޓުގެ ސަލާމަތަށް އިތުރު ފިޔަވަޅުތަކެއް އެޅުމުގެ ގޮތުން ސްކޭން ކުރާނެ އެހެން ނިޒާމުތައްވެސް ގާއިމުކުރި ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ވައިގެ މަގުން އަންނަ މީހުންގެ ލަގެޖް އެންމެ ރަނގަޅަށް ޗެކް ކުރެވޭނެ މެޝިނެއް ގާއިމުކުރާނެ ކަމަށްވެސް ވިދާޅުވި އެވެ.