އެމްއޭސީއެލް

މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް

މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް އަންނަ މަހު ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ފެށުމާ އެކު ކޮންމެ ދުވަހަކުވެސް ދަތުރުތައް އޮންނާނެ ކަމަށެވެ.

މިއީ ކުއާލަލަމްޕޫރާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ކުރިއަށް ގެންދާ ސީދާ ދަތުރުތަކެކެވެ.

މި ދަތުރުތަކުގައި ބޭނުންކުރަން ނިންމާފައިވަނީ ބޯއިން 747 މަރުކާގެ 174 ޝީޓުގެ ބޯޓުތަކެވެ.

މެލޭޝިއާ އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ ގައުމެކެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ މެލޭޝިއާ ފަތުރުވެރިންގެ އަދަދުވެސް ދަނީ އަހަރުން އަހަރަށް މަތިވަމުންނެވެ.

އެހެންވެ މެލޭޝިއާ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަކީ އެ ގައުމަށް ދަތުރުކުރަން ބޭނުންވާ ދިވެހިންނަށް އިތުރު ފަސޭހަތަކެއް ލިބި އަދި ރާއްޖޭގެ ޓޫރިޒަމަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމެއް ކަމަށް ކަމާ ގުޅޭ އިދާރާތަކުން ބުނެ އެވެ.