އެލްޖީއޭ

ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަށް މަޝްވަރާއަށް ދަނީ

ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމާ، މޯލްޑިވްސް އިމިގްރޭޝަނާ އެކު އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އެލްޖީއޭ އިން މިގޮތަށް މިއަދު ނިންމީ ތިނަދޫ ސިޓީ ކައުންސިލުން އެ އޮތޯރިޓީއަށް ހުށަހެޅި މައްސަލަ ދިރާސާކުރުމަށްފަހު އެވެ.

ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމަށް އެލްޖީއޭ އިން ނިންމި ނަމަވެސް އެކަން އަމަލީގޮތުން ކުރެވޭނީ މޯލްޑިވްސް އިމިގްރޭޝަނަށް ކަމަށްވާތީ އެލްޖީއޭ އިން ވަނީ މިކަމާ ގުޅޭ މަޝްވަރާތައް ވީހާވެސް އަވަހަށް އިމިގްރޭޝަނާ އެކު ފެށުމަށްވެސް ނިންމާފަ އެވެ.

ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ދިނުމަށް އެލްޖީއޭ އިން ބޭނުންވަނީ ކައުންސިލަރުންނަކީ ވެސް އިންތިހާބުކޮށްފައިވާ ބަޔަކަށްވާތީ އިންތިހާބީ އެހެން މަގާމުތަކުގައިވެސް ތިއްބަވާ ބޭފުޅުން ފަދައިން ކައުންސިލަރުންނަށްވެސް ހާއްސަ ދަަރަޖައެއް ދިނުމަށް ކަމަށް އެލްޖީއޭ އިން ބުނެ އެވެ.

ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ލިބޭ ބޭފުޅުންނަކީ ދައުލަތުގެ ތިންބާރުގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސުޕްރީމް ކޯޓާއި ހައިކޯޓުގެ ފަނޑިޔާރުންނާއި، މާލޭގައި ހިންގާ ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި، ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނާއި ސަލާމަތީ ބާރުތަކުގެ އިސްވެރިންނަށެވެ.