ރައްޔިތުންގެ މަޖިލިސް

ގާނޫނަށް ހުށަހެޅި އިސްލާހުތަކާއެކު ސްކޭމަރުން ހޯދޭނެ: ޝުޖާއު

ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާއެކު ސްކޭމަރުން ދެނެގަނެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު މިއަދު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިހެން ވިދާޅުވީ ސައިބަކްރައިމް ކުށްތައް ހުއްޓުވައި ފިޔަވަޅު އެޅުމުގައި އެހެން ގައުމުތަކާއެކު ގާނޫނީ އެހީތެރިކަން ބަދަލުކުރުމާ ގުޅޭ ގޮތުން ކަނޑައަޅަންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމަށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހުގެ ބިލްގައި ބަހުސްގަ އެވެ.

ސްކޭމަރުން ނުހޯދޭކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ މިފަދަ މައްސަލަތަކުގައި ކުށްވެރިވަނީ އެ ގޮތަށް ޓްރާންސްފާކުރާ ފައިސާ ނަގަންދާ މީހާ ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމައުގައި މި ފެންނަނީ ރަށެއްގައި އޭޓީއެމް ކައިރީގައި ހުރެގެން މިހެން ޓްރާންސްފާކުރާ ވަގު ފައިސާކޮޅު ނަގަން ހުންނަ މީހާ ކުށްވެރިވާ ތަން. އެހެން ނަމަވެސް ގޭގެ ސިޓިން ރޫމްގައި ނުވަތަ ކޮޓަރީގައި އިނދެގެން ކޮމްޕިއުޓާ ބޭނުންކޮށްގެން އެއަށް އެކްސެސްވާ މީހާ، އެ މަގު ފަހިކޮށްދޭ މީހާ ހޯދޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޯވޭ،" ޝުޖާއު ވިދާޅުވި އެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި އެފަދަ ކުށްތައް ކުރަން ފުރަތަމަ އެކްސެސްވާ މީހާ މި ބިލާއެކު ހޯދޭނެ އެވެ.