އޭސީސީ

ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އޭސީސީއަށް ޕޮލިސީ އެގްޒެކެޓިވްއެއް ހޯދަނީ

ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް ފެންމަތި ވިޔަސް، އޭސީސީއަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ފާޑުވިދާޅުވެފައި ވަނިކޮށް ޕޮލިސީ އެގްޒެކެޓިވްއެއް ހޯދަން އޭސީސީ އިން އިއުލާންކޮށްފި އެވެ.

ޕޮލިސީ އެގްޒެކެޓިވްއެއް ހޯދުމަށް އޭސީސީން މިއަދު އިއުލާން ކުރިއިރު އެ މަގާމުގެ މަސްއޫލިއްޔަތަކީ ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގައުމީ ފެންވަރުގައި ސިޔާސަތު އެކަށައެޅުމާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، އެކަމާ ގުޅޭ ޕްލޭންތައް އެކުލަވާލުމެވެ.

މީގެ އިތުރުން އެ ކަންކަމާ ގުޅޭގޮތުން ލަފާ ދިނުމާއި ކޮރަޕްޝަނުގެ އަމަލުތައް ހުއްޓުވުމާއި މަނާކުރުމާއި ގުޅޭގޮތުން އާއްމުކޮށް ހާމަކުރަންޖެހޭ ކަންކަން ހާމަކުރުމަކީ ޕޮލިސީ އެގްޒެކެޓިވްގެ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ޕޮލިސީ އެގްޒެކެޓިވްގެ އަސާސީ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 12،000 ރުފިޔާ އެވެ. އަދި ޑެއިލީ އެލަވަންސްގެ ގޮތުގައި ދުވާލަކު 276 ރުފިޔާގެ އިތުރުން، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ އިތުރު ގަޑީގެ ފައިސާ ލިބޭނެ އެވެ. މި މަގާމަށް ނަގާނީ އެންމެ ދަށްވެގެން ޑިގްރީއެއް އޮތް މީހެކެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ނުވުމަކީވެސް މަގާމުގެ ޝަރުތެކެވެ.

ޕޮލިސީ އެގްޒެކްޓިވްއެއް ހޯދަން އޭސީސީ އިން އިއުލާންކޮށްފައި މިވަނީ އޭސީސީއަށް މައްސަލަ ހުށަހެޅިޔަސް، މައްސަލަތައް ހިފަހައްޓައިގެން ތިބޭތީ ދައުވާ ކުރުމުގެ މުއްދަތު ހަމަވެ، މައްސަލަތައް ބޭރުކޮށްލާ ހާލަތު ދިމާވާ ކަމަށާއި، އޭސީސީއަށް އެއްވެސް ކަމެއްގައި ނަތީޖާ ނުނެރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ވަނީ ވިދާޅުވެފައި ވަނިކޮށެވެ.

"ތިބޭފުޅުން ކޮންމެ ދައުރެއްގައިވެސް ހަމަ އެއް ވާހަކަ ދައްކަވަނީ އިނގޭތޯ. ވާކަމެއް ހަރާން އިނގޭތޯ. ދެން އަނެއްކާވެސް އަޅުގަނޑުމެން ވީ ތިބޭފުޅުން ބަދަލުކުރަން. އަނެއްކާވެސް އަނެއް ފަސް މީހުން އައިސްގެން ވެސް މިހެން،" އޭސީސީއަށް ފާޑުކިޔުއްވާ ނާޒިމު ވިދާޅުވި އެވެ.