މިފްކޯ

މިފްކޯގެ މަސްފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ

މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެ މިފްކޯގެ މަސްފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ އެވެ.

އެކަމާ ގުޅޭ ގޮތުން މިފްކޯ އިން މިއަދު ބުނީ އެ ކުންފުނީގެ ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެފައިވަނީ މި ދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް އަދި ކިރާ މަހުގެ އަދަދުވެސް ދަށް ދުވަސްވަރަކަށްވާތީ ކަމަށެވެ.

މިފްކޯ އިން ވަނީ ދަޅުމަސް ފޯރުކޮށްދިނުމުގައި އެއްވެސް ލިމިޓެއް ނެތް ކަމަށެވެ.

ނަމަވެސް މިފްކޯ އިން ވިއްކާ ކަޅުބިލަމަހުގެ އެހެނިހެން ބާވަތްތައް އުފެއްދޭނީ ކަޅުބިލަ މަސް ލިބިގެންކަން އެ ކުންފުނިން ފާހަގަކުރެ އެވެ.

ކަނޑުމަހުގެ ބާވަތްތައް ލިބުން ދަތިވެފައިވާއިރު މަސް ކުންފުނިތަކަށް މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ކިރާފައިވާ މަހުގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 39 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުންފުނިތަކަށް މަސް ކިރާފައިވަނީ 31،873 މެޓްރިކް ޓަނުގެ މަހެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 52،657 މެޓްރިކް ޓަނުގެ މަސް ކިރާފައިވެ އެވެ.