މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގާއެކު މާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ގުޅޭ އޮޕަރޭޝަނެއްގައި މާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމެންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިމައްސަލައިގެ ތުހުމަތުގައި 22 އަހަރާއި 33 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ ފިރެހެނުން ވަނީ ހައްޔަރުކޮށްފަ އެވެ.

މި މީހުން ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިއްޔެގެ ވަގުތެއްގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން މާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށްފަހު އެވެ.

ފުލުހުން ބެލި އެޕާޓްމަންޓުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 278 ރަބަރު ޕެކެޓުގެ އިތުރުން ޖޫސްޕެޓީ ސައިޒުގެ ކޮތަޅެއް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރު ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ މި މައްސަލަ އަދިވެސް ތަހުގީގު ކުރަމުންނެވެ.