މަސްތުވާތަކެތި

ބިޔަރު ދަޅުތަކަކާއެކު ލަންކާ މީހަކު ހައްޔަރުކޮށްފި

ގދ. ފިޔޯރީ އާއި ކ. ހިންމަފުށިން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި އެވެ. އޭގެ ތެރެއިން އެކަކީ ބިދޭސީއެކެވެ.

ފުލުހުން ބުނީ ފިޔޯރީގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުން އެ އަތޮޅު ރަތަފަންދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި މިމަހުގެ 21 ވަނަ ދުވަހުގެ އެ އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ޒުވާނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އޭނާ ހައްޔަރު ކުރީ ފިޔޯރީ ބަނދަރުމަތިން ހުއްޓުވާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުވާ އެއްޗެއް ހުރި ޕެކެޓެއް ފެނިގެނެވެ. އޭނާގެ ބަންދަށް ކޯޓުން 10 ދުވަސް ވަނީ ދީފަ އެވެ.

ހިންމަފުށީގައި އޮޕަރޭޝަނެއް ހިންގީ އެ ރަށު ފެކްޓްރީއެއްގައި ބަނގުރާ ގެންގުޅެ، އެތަކެތީގެ ބޭނުން ކުރާކަމަށް މައުލޫމާތު ލިބިގެނެވެ. މިދިއަ ހޯމަ ދުވަހުގެ އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެ ފެކްޓްރީ ބަލައި ފާސްކޮށް އެ މީހާގެ އަތުން 49 ދަޅު ބިޔަރު ފެނުނެވެ. އޭނާ ހުރީ ކީއްކުރާ ފެކްޓަރީއެއްގައި ކަމެއް ފުލުހުން ސާފުކޮށެއް ނުދިނެވެ. ބުނީ އެ މައްސަލައާ ގުޅިގެން ސްރީލަންކާގެ 56 އަހަރުގެ ލަންކާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އެ މީހާގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށެވެ.