މަޝްރޫއުތައް ނިމޭ ވަރަށް ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު މިއަދު ވިދާޅުވެއްޖެ އެވެ.
ސްޕޯޓްސް މިނިސްޓަރު ރާފިއު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ރަށްރަށުގައި ކުޅިވަރު މަޝްރޫއުތައް ހުއްޓިފައިވާތީ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާފިއު ވިދާޅުވީ ވަރަށް ގިނަ މަޝްރޫއު ލަސްވެފައިވާ ކަމަށާއި އެ މަޝްރޫއުތައް ލަސްވެފައިވާ ސަބަބުތައް ބަލަމުންދާ ކަމަށެވެ.
"ބައެއް ފަހަރު އަޅުގަނޑުމެންގެ ބަޖެޓުގައި ނުހުރޭ ޕްރޮޖެކްޓް ނިންމޭ ވަރަކަށް ފައިސާއެއް. އެހެން ނަމަވެސް ޕްރޮޖެކްޓްތައް އެބަހުރޭ ރަށްރަށުގައި ހަތަރު ޕްރޮޖެކްޓް، ފަސް ޕްރޮޖެކްޓް،" ރާފިއު ވިދާޅުވި އެވެ.
ރާފިއު ވިދާޅުވި ގޮތުގައި ބަޖެޓުގައި ހިމަނާފައިވަނީ އެޑްވާންސް ދީގެން މަޝްރޫއު ފެށޭވަރުގެ ބަޖެޓެކެވެ. ނަތީޖާއަކީ މަޝްރޫއުގެ ދެވަނަ ޕޭމަންޓް ނުލިބި މަޝްރޫއު ހުއްޓުންކަން އޭނާ ފާހަގަކުރެއްވި އެވެ.
"(މަޝްރޫއު) ހުއްޓިފައި އޮންނަ ހުއްޓުން ފައިސާ ނުލިބިއްޖެނަމަ އޮންނަނީ ހުއްޓިފަ، ދެން އަޅުގަނޑުމެންނަށް މި ޖެހެނީ އަނެއްކާވެސް އަންނަ އަހަރުގެ ބަޖެޓަށް ލައިގެން މި ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން،" ރާފިއު ވިދާޅުވި އެވެ.
ބައެއް މަޝްރޫއުތަކަށް ބަދަލު އަންނަކަން ފާހަގަކުރައްވާ ރާފިއު ވިދާޅުވީ އެ ބަދަލުތަކަށް ބޭނުންވާ އިތުރު ފައިސާ ހަމަނުޖެހުމުންވެސް މަޝްރޫއުތައް ހުއްޓިފައިވާ ކަމަށެވެ.
މަޝްރޫއުތައް ނުހުއްޓި ކުރިއަށް ގެންދިއުމަށް އަހަރުގެ ފަހުކޮޅުގައި ބައެއް މަޝްރޫއުތައް ފެށުމަށް ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ. އެގޮތަށް އަހަރުގެ ފަހުކޮޅު މަޝްރޫއުތައް ފެށުމުން ޖެހިގެން އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫއަށް ބޭނުންވާ ބާކީ ފައިސާ ހިމަނާ މަސައްކަތް ނުހުއްޓި މަޝްރޫއުތައް ނިންމާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.