ކްރިމިނަލް ކޯޓް

ލިޓަންގެ މަރު: ދައުވާތަަކަށް ނިޒާމު އިންކާރުކޮށްފި

ތެޔޮ ބޯޓުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓަން (35 އ) ގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ ގދ. ތިނަދޫ، މަނާރު، މުހައްމަދު ނިޒާމު (45 އ)ގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކަށް އޭނާ އިންކާރުކޮށްފި އެވެ.

ތެޔޮ ބޯޓެއްގައި ޑިސެމްބަރު 28، 2022 ވަނަ ދުވަހުގެ ރޭ ފުރި ދެ މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ފުލުހުން އެންމެ ފުރަތަމަ އާއްމުކުރީ އެ ޑިސެމްބަރު 30، 2022 ވަނަ ދުވަހުގެ ރެ އެވެ.

ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔައީ ނިޒާމުގެ އިތުރުން ލިޓަން އެވެ. އެ ދެމީހުން ހޯދުމަށް ފުލުހުން މާލެތެރެވެސް ބަލަމުން ދަނިކޮށް ނިޒާމު ފެނުނީ މިދިޔަ އަހަރުގެ ޖެނުއަރީ ތިންވަނަ ދުވަހުގެ ވަގުތެއްގައި މާލޭގައި ހުރި ގެސްޓްހައުސްއަކުންނެވެ. އޭގެ ކުރިން އާންމުންގެ މީހަކު ވަނީ ނިޒާމާއެކު ފޮޓޯއެއް ނަގައި ސޯޝަލް މީޑިއާގައިވެސް އާންމުކޮށްފަ އެވެ.

ލިޓަންގެ ހަށިގަނޑު މިހާތަނަށްވެސް ފެނިފައެއް ނުވެ އެވެ. ނަމަވެސް އޮޔާ ދަނިކޮށް ބޯޓު ފެނިފައިވެ އެވެ.

ލިޓަންގެ މަރުގެ މައްސަލައިގައި ދައުލަތުން ނިޒާމުގެ މައްޗަށް އުފުލާފައިވަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާއަކާއި، ވައްކަމުގެ ދައުވާއާއި، ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ އެވެ.

ނިޒާމަށް ކުރާ ދައުވާތަކާ ގުޅިގެން މިއަދު އޮންލައިންކޮށް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތުގައި ދައުލަތުން ވަނީ ނިޒާމު، ލިޓަން މަރާލާފައިވަނީ އޭނާގެ އަތުގައި ފައިސާތަކެއް ހުރިކަން އެނގިގެން އެ ފައިސާތަކުގެ ބޭނުމުގައި ކަމަށެވެ.

ލިޓަން މަރާލީ ކ. ގަލުފަޅު ކިޔާ ސަރަހައްދުން އޭނާ މޫދަށް ވައްޓާލައިގެން ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޝަރީއަތުގެ މަޖިލީހުގައި ނިޒާމަށް ދައުލަތުން ހަމަޖައްސައިދީފައިވާ ވަކީލް ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި ކަމާ ގުޅޭ ލިޔުންތައް ލިބުމުން ދައުވާއަށް ޖަވާބުދާރީ ވާނެ ކަމަށެވެ.

ނިޒާމުގެ މައްޗަށް ވައްކަމުގެ ދައުވާ ދައުލަތުން ކޮށްފައިވަނީ ލިޓަންގެ އަތުގައި ހުރި ކަމަށް ބުނާ 51،000 ރުފިޔާ ނިޒާމު ވަގަށް ނެގި ކަމަށް ބުނެ އެވެ. ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ދައުވާ އުފުލާފައިވަނީ އޭނާ ދިރިއުޅު ކޮޓަރިން މަސްތުވާތަކެތި ފެނުނު ކަމަށް ބުނެ އެވެ.

ޝަރީއަތުގައި ނިޒާމު ވަނީ ބަންދުގައި ހުރެ ޑޮކްޓަރަށް ދެއްކި ނަމަވެސް ބޭސް ލިބުން ދަތިވާތީ ޝަކުވާ ކޮށްފަ އެވެ. އަދި ޝަރީއަތް ކުރިއަށް ގެންދަން ބޭނުންވަނީ ކޯޓަށް ހާޒިރުވެގެން ކަމަށްވެސް ބުންޏެވެ. ޖަވާބުގައި މައްސަލަ ބައްލަވާ ގާޒީ މުހައްމަދު މިސްބާހް ވިދާޅުވީ ހާޒިރުވެގެން ޝަރީއަތް ކުރަން ފުރުސަތު ދެވޭނީ ދަތިތަކެއް ނެތް ނަމަ ކަމަށެވެ.