މޯލްޑިވްސް ޕޮލިސް ސާވިސް

މިހާރު ފަރުވާ ދެނީ ދެ ދަރިވަރަކަށް: ފުލުހުން

އައްޑޫގައި ހުންނަ ޕޮލިސް ކޮލެޖުގައި ހާލު ގޯސްވި ދަރިވަރުންގެ ތެރެއިން މިހާރު ފަރުވާ ދެމުން އަންނަނީ ދެ ދަރިވަރަކަށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޕޮލިސް ކޮލެޖުގައި ތަމްރީން ހަދަމުން ދިޔަ ގިނަ އަދަދެެއްގެ ދަރިވަރުންތަކެއް ހާލު ގޯސްވުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފަ އެވެ.

އެ ގޮތުން 32 ދަރިވަރަކަށް ފަރުވާ ދެމުންދާ ކަމަށާއި ފަސް ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުން ރޭ ބުނެފައިވެ އެވެ.

ފުލުހުން މިއަދު ބުނީ އައިސީޔޫގައި މިވަގުތު ތިބީ ދެ ދަރިވަރުން ކަމަށާއި އެހެން ދަރިވަރުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

ދަރިވަރުންތަކެއް ބަލިވީ ކާނާ ވިހަވެގެން ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނާ ގޮތުގައި ފުލުހުންގެ ދަރިވަރުންތަކެއް ބަލިވުމުން ފަރުވާ ދެނީ އެލާޖީއަކާ ގުޅިގެންނެވެ. އެކަމަކު އެލާޖިކްވީ ވަކި ސަބަބެއް ނުބުނެ އެވެ.