ބޭރު ކުޅިވަރު

ގުލާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަނީ

ރިއާލް މެޑްރިޑުގެ ޒުވާން ތަރި ގުލާ މިވަގުތު ހުރީ ޗުއްޓީއެއްގައި ރާއްޖޭގައެވެ.

ގުލާ އިންސްޓަގްރާމުގައި ހިއްސާކުރި ފޮޓޯތަކުން އޭނާ ހުރީ ރާއްޖޭގައި ޗުއްޓީގައި ކަން އެނގެ އެވެ.

ތުރުކީގެ ގައުމީ ޓީމުގެ ކުޅުންތެރިޔެއް ކަމަށްވާ ގުލާ ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނިމުނު ޔޫރޯ މުބާރާތުގައި ފާހަގަކޮށްލެވޭ މޮޅު ކުޅުމެއް ދައްކާފަ އެވެ.

ތުރުކީގެ ގައުމީ ޓީމު މުބާރާތުގެ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކުރުމުގައި އަރްދާ ގުލާގެ ދައުރު ބޮޑެވެ.

ޔޫރޯ މުބާރާތުގައި އުމުރުން 19 އަހަރުގެ ގުލާ ވަނީ ހިތްގައިމު ގޯލެއްވެސް ޖަހާފަ އެވެ.

ރިއާލް މެޑްރިޑުން މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ގުލާގެ ސޮއި ހޯދީ ފެނަބާޗޭއަށް 22 މިލިއަން ޑޮލަރު ދިނުމަށްފަހު އެވެ. އޭރު ބާސެލޯނާއިންވެސް ދިޔައީ އޭނާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ގުލާ އެނބުރި ސްޕޭންގެ ރިއާލް މެޑްރިޑުގެ ތަމްރީނުތަކުގައި ބައިވެރިވެ، ޕްރީ ސީޒަނުގައި ކުޅޭނެ ކަމަށް ބެލެވެ އެވެ.

މިދިޔަ ސީޒަނުގައި ރިއާލްގައި ކުޅެން ލިބުނީ މަދު ފުރުސަތުތަކެއް ނަމަވެސް މިފަހަރު އޭނާއަށް ގިނަ ފުރުސަތުތަކެއް ލިބޭނެ ކަން އެއީ ޔަގީންވާ ކަމެކެވެ.