ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަގާމުވެ ހުވާ ކުރައްވާ ތިން މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
އާންމު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި މުޅި ކޮމިޓީގެ އިއްތިފާގުން ފާސްކުރީ މަޖިލީހުގެ ގަވާއިދުގެ 68 ވަނަ މާއްދާގެ (ށ) އިސްލާހުކުރުމަށެވެ. މިއިސްލާހުގައި ވަނީ މެންބަރުން ހުވާކުރައްވާތާ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނެ ކަމަށެވެ.
މި ހުށަހެޅުން މަޖިލީހަށް ހުށަހެޅުއްވީ ކައުންސެލް ޖެނެރަލް އެވެ. މި ހުށަހެޅުން ފާސްކުރީ ކޮމިޓީގައި އެ ވަގުތު ތިއްބެވި ހުރިހާ މެންބަރުން އިއްތިފާގުންނެވެ.
މީގެ ކުރިން މެމްބަރުން މާލީ ބަޔާން ހުށަހަޅަން ޖެހެނީ މަގާމުގެ ހުވާ ކުރައްވާ ދުވަހުން ފެށިގެން އެއް އަހަރުވުމުންނެވެ.
މާލީ ބަޔާން ތިން މަސް ތެރޭގައި ހުށަހެޅުމާ ދެކޮޅަށް ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ވިދާޅުވީ އިންތިހާބަށް ހޭދަކުރި ފައިސާގެ މާލީ ބަޔާން އިލެކްޝަން ކޮމިޝަން (އީސީ) އަށްވެސް ހުށަހަޅަން ޖެހޭތީ، މާލީ ބަޔާނާ ގުޅޭގޮތުން މަޖިލީހުގެ ގަވައިދަށް އިތުރު އިސްލާހެއް ގެނައުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. ހަންނާން މިހެން ވިދާޅުވުމުން ބައެއް މެމްބަރުން ވިދާޅުވީ އީސީއަށް ހުށަހަޅާ މާލީ ބަޔާނުގައި މެމްބަރުންގެ މާލީ ބަޔާން ނުހިމެނޭ ކަމަށެވެ.
މި ބަދަލުގެ އިތުރުން ގަވާއިދަށް ގެނައި ބަދަލުތަކުގެ ތެރޭގައި މާލީ ބަޔާން ހުށަނާޅާ މެމްބަރުންގެ ނަން މަޖިލީހުގެ ޖަލްސާގައި އިއްވުމާއި އެ މެމްބަރުންނަށް މަޖިލީހުގެ ޖަލްސާތަކުގެ އިތުރުން ރަސްމީ ދަތުރުތަކާއި ކޮމިޓީތަކުގައި ބައިވެރިނުވެވޭ ގޮތް ހެދުންވެސް ހިމެނެ އެވެ.