އިބްރާހިމް މުހައްމަދު ދީދީ

ދީދީގެ މާލީ ބަޔާން: ދެ ގޯއްޗާއި ކާރަކާއި ސައިކަލެއް އަދި ދެ ލައްކަ ރުފިޔާ

ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދުދާއިރާގެ މެމްބަރު ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ މާލީ ބަޔާން އާމުކޮށްފި އެވެ.

ކޮންމެ އަހަރަކު އެއްފަހަރު މަޖިލީހުގެ މެމްބަރެއްގެ މިލްކީޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި، ވިޔަފާރީގެ މަސްލަހަތާއި، އަރަންޏާއި ދަރަނި ހާމަކޮށް ބަޔާނެއް އަމީންއާމަށް ހުށަހަޅާން ޖެހޭ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވެ އެވެ. އެހެން ނަމަވެސް އެއަށް އެއްވެސް މެމްބަރަކު އަމަލު ނުކުރުމުގެ ސަބަބުން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން އެކަމާއި ދެކޮޅަށް ކެމްޕެއިންއެއް ފެށައި، ގިނަ ބަޔަކު މިހާރު އަންނަނީ މެމްބަރުންގެ މާލީ ބަޔާން ހާމަ ކުރުމަށް ގޮވާލަމުންނެވެ.

އެގޮތުން 28 މެއި 2014 އިން ފެށިގެން 27 މެއި 2015ގެ ނިޔަލަށް މުދަލާއި ހިސާބުތަކުގެ ތަފްސީލު ހިމެނޭ މާލީ ބަޔާން މެންބަރު ދީދީ އޭނާގެ ފޭސްބުކް ޕޭޖުގައި މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ބަޔާނުގައި ބުނާ ގޮތުން އެމުއްދަތުގެ ތެރޭގައި ދީދީއަށް މުސާރާގެ ގޮތުގައި ލިބިފައި ވަނީ 874،775 ރުފިޔާއާއި ޕެންޝަން ފައިސާގެ ގޮތުގައި 236،160 ރުފިޔާ އެވެ.

ދީދީގެ މާލީ ބަޔާނުގައި ބުނެފައި ވަނީ އެ މުއްދަތުގެ ތެރޭގައި 1،270،633.12 ރުފިޔާ އޭނާ ހޭދަކޮށްފައިވާ ކަމަށެވެ. އަހަރު ނިމުނުއިރު ދީދީގެ މިލްކިއްޔާތުގައި 290،341.88 ރުފިޔާ ހުރިއިރު އޭނާގެ މިލްކިއްޔާތުގައި ހ. ދޫރިހާ ކިޔާ ގޯއްޗަކާއި، ސ. ހިތަދޫ ލެގޫންވިއު ކިޔާ ގޯއްޗެއްވެ އެވެ. އަދި ސައިކަލަކާއި ކާރެއް ވެސް ދީދީގެ މިލްކިއްޔާތުގައި ހުރި ކަމަށް މާލީ ބަޔާނުގައިވެ އެވެ.

ހ. ދޫރިހާގެ ކުލީގެ ގޮތުގައި 185،040 ރުފިޔާ އާއި ސި. ހިތަދޫ ލެގޫންވިއުގެ ކުލީގެ ގޮތުގައި 265،000 ރުފިޔާ ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެއެވެ.

ދީދީގެ އަމިއްލަ ވިޔަފާރިއެއް ނެތެވެ. ދީދީގެ އެއް ހިއްސާ އެމްޓީސީސީގައި އާއި 100 ހިއްސާ އެމްޓީޑީސީގައި އޮންނާނެ ކަމަށް މާލީ ބަޔާނުގައިވެ އެވެ.